-Advertisement-

-Advertisement-

މައިންބަފައިން އުމުރުން ދުވަސް ވުމުން އަޅާލާނީ ކިހިނެއް

ގިނަ މައިންބަފައިންނަކީ، އެމީހުންގެ ދަރީންނާއި އެކު ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރަން އެދޭބައެކެވެ. އަދި ހަޔާތުގެ ބާކީ އޮތް ދުވަސްތައް ބޮޑެތިވެފައިވާ ދަރީންނާއި މާމަ ދަރީންނާއި އެކު އަގުހުރި ވަގުތުތަކެއް ހޭދަކުރަން ބޭނުން ވާނެއެވެ. މައިންބަފައިން އުމުރުން ދުވަސްވުމުން އެމީހުންނަށް އަޅާލާނެ ބަޔަކު ކައިރީގައި ހުރުމަކީ ނުހަނު މުހިއްމު ކަމެވެ. ތިބާގެ ޅައުމުރުގައި ހުރިހާ ކަމެއް ވަރުބަލިކަމެއްނެތި ފުރިހަމަކޮށްދީ ޅައުމުރާއި ފުރާވަރުގެ ހަރުފަތައް ކަޑަތު ކުރުމަށް އެހީވެދިން މައިމީހާ ނުވަތަ ބައްޕަ ގައިބާރު ދެރަވެ، މުސްކުޅިވާތަން ދެކުމަކީ ހިތަށް ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އަހަރުމެންގެ ބިޒީ ދިރިއުޅުން، ދަރިން އަދި އަމިއްލަ ކަންކަމާއި ހެދި މައިންބަފައިންނަށް އަޅާލާނޭ ގޮތަކާ މެދު ވިސްނޭފަހަރުވެސް އާދެއެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ތިރީގައިވާ ބައެއް ކަންކަން ކޮށްލާށެވެ.

މައިންބަފައިން ކައިރީގައި ވަގުތު ހޭދަ ކޮށްލަން ލިބޭ ވަގުތުކޮޅުގައި ފޯނާއި ދުރުވެލާށެވެ. އެމީހުންނާއި އެކު ވާހަކަ ދައްކާލާ އެކުގައި ކުރެވޭނެ މަސައްކަތެއް ވިސްނާށެވެ. އެއީ އެއްޗެއް ތައްޔާރު ކޮށްލުން ކަމުގައިވިޔަސް ނުވަތަ އެމީހުން ޝައުގުވެރިވާ މަސައްކަތެއް ވިޔަސް އެކުގައި ކުރާށެވެ. މީގެ އިތުރުން އެމީހުނާއި އެކު ބޭރަށް ތަންތަން ބަލާލަން ދާށެވެ. ކާރުގައި އެކި ހަރަކާތްތަކަށް ގެންދާށެވެ. ލައިބްރަރީ ފަދަ ތަނަކަށް ގޮސްލެވިދާނެއެވެ.

އެމީހުންނަށް ބަރޯސާވާށެވެ.
އާއެކެވެ. މައިންބަފައިންނަށް އެންމެ އެކަނިވެރިކަން އިހުސާސްވާނީ އެމީހުންގެ ދަރީން އެމީހުންގެ އެހީތެރިކަން ބޭނުން ނުވާކަން އިހުސާސްވުމުންނެވެ. އެއްވެސް ކަމަކަށް އެހީތެރި ނުވެވޭ ބަޔަކަށް ވުމުން މައިންބަފައިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވެގެން ދެއެވެ. އަދި ދުވަހުގެ އުފާވެރިކަން މޮޅިވެގެން ދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެމީހުންނަށް ޝުކުރު އަދާކޮށް ކަންކަމުގައި އެހީތެރިކަން ހޯދާށެވެ. މިސާލަކަށް ކޮފީއެއް ހަދާލަދޭން ބުނެވިދާނެއެވެ. ނުވަތަ އެއްޗެއް ކެއްކުމުގައި އެހީތެރިކަން ހޯދިދާނެއެވެ.

މީގެ އިތުރުން އެމީހުން ތިބާގެ ޅައުމުރުގައި ދަސްކޮށްދިން ކަމެއްގެ ވާހަކަ ހަނދާންކޮށް އެކަން ދަސްކޮށްދިން ކަމަށް ޝުކުރުއަދާކުރާށެވެ. އަދި އެހެން މީހުންގެ ގާތުގައި މައިންބަފައިނަށް ތައުރީފުކުރާށެވެ. މިގޮތަށް ކަންތައް ކުރުމުން އެމީހުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެން ދާނެއެވެ.

މާޒީ ހަނދާން ކޮށްލާށެވެ.
މާޒީގައި ހިގައިދިޔަ އުފާވެރި ކަމެއް ހަނދާކޮށްލާށެވެ. އަދި އެކަމާއި ދެމީހުންވެގެން ވާހަކަ ދައްކާލާށެވެ. މުސްކުޅިންނަކީ މާޒީގެ ހަނދާން ވަރަށް ގަދަ ބައެކެވެ. މިއީ އެމީހުންގެ ސިކުނޑިއަށް ލިބިގެންދާނެ ވަރަށް ރަނގަޅު ކަސްރަތެކެވެ.

އެމީހުންނާއި މެދު ކެތްތެރިވާށެވެ.
މައިންބަފައިން މުސްކުޅިވުމުން ހެދޭނޭ ގޯސްތައްވެސް ހުންނާނެއެވެ. އަދި އަހަރުމެން ބޮޑެތި ވުމުން މައިންބަފައިންގެ ކުރިމަތީގައި ބޮޑާކަންވެސް ދެއްކޭފަހަރު އާދެއެވެ. އެމީހުންނަށް ކުރެވޭ ކަންތައްތައް ކަމުނުދާ މީހުންވެސް މަދެއް ނޫނެވެ. މިއީ މުސްކުޅި މައިންބަފައިންނަށް ވަރަށް އުނދަގޫ ދުވަސްތަކެކެވެ. އެމީހުންނަކީ ހަށިގަނޑުގެ އެތައް ބަލިތަކެއް ތަހައްމަލް ކުރަމުން އަންނަ ބައެއްކަން ހަނދާން ނައްތާނުލާށެވެ. ތިބާގެ ހިނިތުންވުން އެމީހުންގެ ކުރިމަތީގައި ފަނޑުނުކޮށްލާށެވެ. 100 ވަނަ ފަހަރަށް ފޯނުގެ ކޮންމެވެސް ކަމެއް އެހުމުންވެސް ރުޅިނާންނާށެވެ. ކެތްތެރިކަމާއި އެކު ވާހަކަ ދައްކާށެވެ.

އެމީހުންނަށް ވަގުތު ހުސްކުރާށެވެ.
މައިންބަފައިން މުސްކުޅިވުމުން އެމީހުންނާއި އެކު ހޭދަ ކޮށްލެވޭ ވަގުތަކީ ރަނަށްވުރެ އަގުހުރި އެއްޗެކެވެ. އެހެނީ މި ވަގުތު އިސާހިތަކު ކައްސާލައިގެން ހިގައިދާނެއެވެ. ކޮންމެ ދުވަހަކުވެސް ފޯނުން ވާހަކަ ދައްކާ ހަދާށެވެ. ކޮންމެ ދުވަހަކުވެސް ދިމާވެ ހާލުބަލާށެވެ. އަދި ދިރިއުޅުމުގެ ކަންކަމުގައި އެއްކޮށް ވަގުތު ހޭދަކުރެވޭތޯ ބަލާށެވެ. އެމީހުންނަށް އެކަނިވެރިކަން އިހުސާސްވާން ވަގުތު ނުދޭށެވެ. މާމަ ދަރިފުޅުގެ މަޖާ ވީޑިއޯ އެއް ފޮނުވާލާށެވެ. އެމީހުންދެކެ ލޯބިވާކަން އަބަދުވެސް ހަދާނުގައި ބަހައްޓާށެވެ.

މިފަދަ ކަންކަން ކޮށްލައިގެން މައިންބަފައިންނަށް އަޅާލެވިދާނެއެވެ. ހަނދާނުގައި ބަހައްޓާށެވެ. ދުނިޔެ ދެކޭ ހަޤީޤަތަކީ ތިބާ ތިބާގެ މައިންބަފައިންނާއި ދޭތެރޭ ކަންތައް ކުރާގޮތަށް ތިބާގެ ދަރިން ބޮޑެތިވެގެން ތިބާއާއި މެދު ކަންތައް ކުރުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-