ޑޮކްޓަރީ ބޭސް އިމްޕޯޓްކޮށް ވިއްކައިގެން ނަގާ ފައިދާ ދަށް ކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް މިފަދައިން އަންގަވާފައި ވަނީ ރާއްޖެއަށް ޑޮކްޓަރީ ބޭސް އިމްޕޯޓްކޮށްގެން އޭގެން ނަގާފައިދާ އެތައް ގުނައެއް މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ޑޮކްޓަރީ ބޭސް އެތެރެކޮށް ވިއްކާ އަގުތައް ހުރީ 200 ޕަސެންޓުން ފެށިގެން 2000 ޕަސެންޓާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށާއި އެފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް މިހާރު އަންގަވާފައިވާނޭ ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ ސަބަބުން ބޭހުގެ ބާޒާރު އަގު އަދި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާ ކަމަށެވެ.
މީގެއިތުރުން، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިއާއިއެކު އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ބޭހުގެ ހަރަދު ކުޑަކުރުމަށް ރައީސް އަންގަވާފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދައިން 838 މިލިއަން ރުފިޔާ، އަދި ދެވަނަ ކުއާޓަރުގައި 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރަށް އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި ބާކީ ހުރީ 337 މިލިއަން ރުފިޔާއެވެ.