އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ވިއްކި ޓެލެގްރާމް ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންގެ މައްޗަށް ފިޔަވަޅު އަޅަން ފަހަތަށް ނުޖެހޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާ އާއި ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބުދެއްވަމުން، ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ އެ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތުގެ ގާނޫނީ ފްރޭމްވާކެއް އެބައޮތް ކަމަށެވެ.
“އަޅުގަނޑުމެން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނަން އެފަދަ ފަރާތްތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް،” އާޒިފް
އެގޮތުން، އެމީހުންގެ މައްޗަށް ފިޔަވަޅު އެޅޭނެ ގޮތެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއިއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އާޒިފް ވިދާޅުވިއެވެ.
އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކުރީ އޭގެ ތެރެއިން ބައެއް ކުދިންގެ ވަނަވަރު ވެސް އެނގޭ ގޮތަށެވެ. އަދި ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް އެމީހުން ހިންގައިފައިވާއިރު، އެޗެނެލްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ 300،000ށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުރިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ އެޓެލެގްރާމް ޗެނަލްތައް ހިންގައިގެން އެއިން މާލީ މަންފާ ހޯދި ތިން މީހަކު ހައްޔަރުކޮށް ބަންދުކޮށްފައެވެ. އެއީ އދ. މަހިބަދޫ، ބަހާރުގޭ ޒުބައިރު އަލީ އާއި މާލެ، ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީ އާއި ކ. ކާށިދޫ، ސިލިންކޯ އިސްމާއިލް ރަބީހެވެ.