ކ. ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ގެއްލިގެން ރިޕޯޓް ކުރި ތަސްލީމް މުޙައްމަދު ހޯދުމަށް ޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް ފުލުހުން އެދިއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު 13:30 ހާއިރު ރިޕޯޓް ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތްތައް ފަށައިފައިވާކަމަށެވެ.
އެގޮތުން ދަތުރު ދިޔަ ފަސްގަނޑާއި އެ ސަރަހައްދުގެ މޫދު މެރިން ޕޮލިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާރޑަށް އެ މައުލޫމާތު ހިއްސާކޮށްގެން ޑައިވިންގ ޓީމުން ބަލައިފައި ވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން 31 އޯގަސްޓުން 1 ސެޕްޓެމްބަރާއި ދެެމެދު އަދި 6 ސެޕްޓެމްބަރުގައި ކުރެވުނު މަސައްކަތުން ޖުމުލަ ތިން ދުވަސް ހިމެނޭހެން 943998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށް ބަލާފައި ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް އެމީހުން ދަތުރު ދިޔުމަށްޓަކައި ފުރީ އޯގަސްޓް 29 ވަނަ ދުވަހު ކަމަށާއި ތަސްލީމު ހިމެނޭހެން ޖުމްލަ 25 މީހުން މި ދަތުރުގައި ބައިވެރި ކަމަށެވެ. މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓު ޕާޓީއެއް ބޭއްވުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށް ފުލުހުން ގެ ބަޔާނުގައި ވެއެވެ. އަދި މި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނާގޮތުން ތަސްލީމުމެން ދަތުރު ދިޔައިރު އެ ފަސްގަނޑުގައި އިތުރު ބަޔަކުވެސް ދަތުރު ގޮސް ތިއްބިކަމަށް ވެއެވެ. އަދި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ގެ އަތުގައި ހުރި ފޮޓޯތަކާއި ވީޑިއޯތަކުން ސާބިތުވާކަމަށެވެ. އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮތްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވެއެވެ. އަނެއް ދުވަހު ހެދުނުވެސް ތަސްލީމު ވަނީ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައެވެ. މަންޒަރު ހިމެނޭ ފޮތޯތަކުންނާއި ވީޑިޔޯތަކުން ވަނީ ފެނިފައެވެ.
އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ އޮގަސްޓު 30 ވަނަ ދުވަހު ހެދުނު 7:45 އި 09:00 އި ދޭތެރޭގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އި 11:00 އި ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ނުފެނުނެވެ.
އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ވަނީ ތަސްލީމުގެ އާއިލާއަށް ގުޅައި މައުލޫމާތު ހޯދާފައެވެ. އޭނާ މާލެ ނުދާ ވާހަކަ އާއިލާއިން ބުނުމުން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ރައްޓެހިން ވަނީ ފަށާފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާއި ވަނީ ސުވާލުކުރެވިފައެވެ. އަދި ތަސްލީމު އާންމުކޮށް ގޮސް އުޅޭ ތަންތަނާއި ތަސްލީމު އެހެން ލޯންޗަކުން މާލެ އައިތޯ ފުލުހުން ވަނީ ބަލާފައެވެ.
ތަސްލީމު ހޯދުމަށްޓަކައި މިހާރު ވަނީ އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައެވެ.
އެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.
އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެނީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ޓަކައިއެވެ. މީގެ ކުރިން، މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ރިލްވާން އަހްމަދު ހޯދުމަށް ޔެލޯ ނޯޓިސް ނެރެފައިވެއެވެ.