މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދާ ކަމުގެ ތުހުމަތުގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހު ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ، ފައިވްފްލާވަރ، އަޙްމަދު އަފްރާޙް އާއި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، ޢަލީ ޢަބްދުﷲ ގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އަދި އަނެއް ދެ މީހުން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ މިހާރު ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.