-Advertisement-

-Advertisement-

ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ މައްސަލައިގެ ޝަރީޢަތް ހޯމަ ދުވަހަށް ތާވަލްކޮށްފި

ރައީސް ޔާމީން – ފޮޓޯ: ނިއުސްލެބް

ފަތުރުވެރިކަމުގެ ބޭނުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމާއި ފައިސާ ލޯންޑާކުރުމުގެ ދައުވާގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާތައް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅައިފައި ވަނީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ. ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި 11 އަހަރުގެ މުއްދަތައް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

އެހެންނަމަވެސް ވެރިކަން ވަދަލުވުމުމަށްފަހު، މި އަހަރުގެ އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ. ހައިކޯޓުން ވަނީ ޔާމީންގެ އިތުރުން އެމައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް މިނިވަންކޮށް، މިމައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ފެށޭ ހަފްތާގެ ތާވަލްގައި ޔާމީންގެ މައްސަލަ ފެށޭ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 09:00ށް ތާވަލް ކޮށްފައެވެ.

މީގެއިތުރުން، ކްރިމިނަލް ކޯޓުން މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ބާއްވާފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްސަލައިގެ ޝަރީޢަތްތައް މިފަހަރުވެސް ލައިވްކޮށްގެން ބޭއްވުމަށް ނިންމާފައެވެ.

އެގޮތުން ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ތާވަލްގައި ހޯމަ ދުވަހުގެ ޝަރީއަތް ޔޫޓިއުބް ލައިވް ކުރާގޮތަށް ވަނީ ހިމަނާފައެވެ.

ޔާމީންގެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓު ޔާމީން މިނިވަން ކުރުމަށް ޙުކުމްކޮށްފައި ވަނީ މިމައްސަލައިގައި ދަށު ކޯޓުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވާފައެވެ.

ހައިކޯޓުން ކުރެއްވި ޙުކުމްގައި ދަށު ކޯޓުން ނިންމި ނިންމުން ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ކަނޑައަޅާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-