ދުނިޔޭގެ އެންމެ ބޮޑު ބޭންކް ޗައިނާގެ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ ބްރާންޗެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ކުރީކޮޅު ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޝީޖިންގ ޕިންގ އާއެކު ބޭއްވި މަޝްވަރާތަކުގައި އެދިވަޑައިގެންނެވި ވަރަށް ގިނަ ކަންކަން އެބަ ހުރި ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ޗައިނާގެ ސަރުކާރުގައި އެދިފައިވާ ކަމަށެވެ.
“ދެ ގައުމު ގުޅިގެން އިންވެސްޓްމެންޓް، ވިޔަފާރި، އަދި ވިޔަފާރި ތަރައްގީ ކުރުމުގެ ދާއިރާއިން ޗައިނާއިން ރާއްޖެއަަށް ފަތުރުވެރިކަން އިތުރު ކުރުމަށާއި، ދަތުރުކުރާ މަންޒިލްތައްވެސް އިތުރުކޮށްދިނުމަށާއި، މިކަހަލަ އެތައް ކަމެއް،”.
އެގޮތުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރެއްވުމަށްޓަކައި ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ ކަންކަމުގެ ތެރޭގައި ޗައިނާގެ ބޭންކް، އަދި ދުނިޔޭގައިވެސް އެންމެ ބޮޑު ބޭންކް އައިސީބީސީގެ ބްރާންޗެއް ރާއްޖޭގައި ގާއިމް ކުރުން ހިމެނޭ ކަމުގައި ސައީދު ވިދާޅުވިއެވެ.
“އެ މަސައްކަތުގެ ހަމަ ނެގޯޝިއޭޝަންސް ކުރިއަށްދޭ، މިނިވަން ވިޔަފާރީގެ އެއްބަސްވުންވެސް މިހާރު މި އޮތީ ނިމިފައި، ދެ ގައުމު އެއްބަސްވާ ވަގުތެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކްޓިވޭޓް ކުރެވޭނެ،”، ސައީދު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މި ބޭންކްގެ ބްރާންޗްތައް މިހާރުވެސް ދަނީ ހިންގަމުންނެވެ.
ޗައިނާގެ މަރުކަޒީ ބޭންކް ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާއި ދިވެހި ސަރުކާރާއި ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާއިރު، މިފަހުމުނާމާގެ ސަބަބުން، ރާއްޖެއާއި ޗައިނާއާ ދެމެދު، ދެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓް ކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެއެވެ.