ރާއްޖޭގެ މާލީ ހާލަތު ގޯސްކަމުގައިވީ ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީ ހޯދުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ޑރ. މުޙައްމަދު ޝަފީގާއެކު ސްރީލަންކާއަށް އެގައުމުގެ ބޭންކިން ދާއިރާގެ އިސްވެރިންނާ ބައްދަލުކުރުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ލަންކާގެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަމަކީ ވަގުތީ ކަމެއް ކަމަށާއި މިހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުން ގެންގުޅޭ މައިގަނޑު ވިސްނުމަކީ ޓެކްސްތަކަށް ބަދަލު ގެނައުން ކަމަށެވެ.
“އަޅުގަނޑުމެންގެ އެބަތިބި ރާއްޖޭގެ ބޭނުންތަކާއި ހާލަތު ދަންނަ އެކުވެރި ފަރާތްތައް. އަޅުގަނޑަށް ހަމަ ހިއެއް ނުވޭ މި ވަގުތަކީ އައިއެމްއެފާއެކު މަސައްކަތްކުރާނެ ހާލަތެއްހެން،” ޒަމީރު
އެގޮތުން، ޓެކްސް ނިޒާމަށް ބަދަލު ގެނެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުމުން ލިކުއިޑިޓީގެ ހާލަތު ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާއިރު، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުންނާއި، މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ.