-Advertisement-

-Advertisement-

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި އުޅެމުން އައި 5 ބިދޭސީއެއް އަތުލައިގަނެފި

ފޮޓޯ: އިމިގްރޭޝަން

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން 5 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެއްސިއެވެ.

އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހު އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން މާލޭގެ 05 ގެއެއް ބަލައި 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ހިނގާ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިން ގެންނަ ފަރާތްތަކުން އެ މީހުން ބައިތިއްބާ ތަންތަނަކީ އާންމު ސަލާމަތަށް ނުރައްކާ ނުވާނެ ތަންތަން ކަން ކަށްވަރު ކުރަން ޖެހޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު މީގެ ކުރިން ވިދާޅުވި އެވެ.

މިސަރުކާރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިމަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން ދަނީ ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ދަނީ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލަމުންނެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ނިމިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 3322 ބިދޭސީން ވަނީ އެމީހުންގެ ގައުމަށް ފުރުވާލައިފައެވެ. އަދި އެމުއްދަތުގެ ތެރޭގައި 257 ތަނެއް ރެއިޑްކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-