ހިޔާ ފްލެޓްގެ އެޕާޓްމެންޓަކަށް ފިރިހެނުން ގެންގޮސް އެމީހުންގެ އަތުން ފޭރުނު މައްސަލައިގައި ހިމެނޭ އަންހެނަކަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.
މިދިޔަ މޭމަހުގެ ތެރޭގައި ފެންމަތިވި މި މައްސަލައިގައި ހިޔާ ފުލެޓެއްގައި އުޅުނު 39 އަހަރުގެ ރިމާނާ މޫސާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އެއަށް ފަހު ވެސް އޭނާގެ ބަންދު އިތުރުކޮށްފައިވެއެވެ.
އޭގެ ފަހުން ފޭރުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 15ގައި އޭނާއަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އިއްޔެ ރިމާނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ އޭނާގެ ކަމަށް ތުހުމަތު ކުރެވޭ މިންވަރަކަށް ހެކި ހުށަހަޅައިފައިވާކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ރިމާނާއަށް ދައުވާ ކުރުމަށް ޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގެންފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށް އަމުރުގައިވެއެވެ.
އޭގެ އިތުރުން ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އޭނާގެ ބަންދު ރެކޯޑު އޮތް ކަމަށާއި ފޭރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ހެކި ހުށަހަޅައިފައިވުމާއި އެއީ އިންތިޒާމްކޮށްގެން، އިތުރު މީހަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭކަން ހިމެނެއެވެ.
އެ މައްސަލައިގައި މިފަހަރު ރިމާނާގެ ބަންދަށް ޖަހައިފައި ވަނީ 30 ދުވަހެވެ.