ހުޅުމާލޭ ދެވަނަ ފިޔަވަހި ބްރިޖްމަތީގައި ސައިކަލަކާއި ލޮރީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގައި ސައިކަލު ދުއްވަން އިން 24 އަހަރުގެ ޒުވާނަކަށް އަނިޔާވެފައިވާކަމަށާއި އޭނާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. މިކަމާއި ގުޅުން ހުރި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ގިނަ އަދަދަދެއްގެ އެކްސިޑެންޓްތައް ހިނގަމުން އަންނަ އިރު ނުރައްކާތެރި އެކްސިޑެންޓްތަކުގެ ދެ ޒުވާނަކު ވަނީ ނިޔާވެސް ވެފައެވެ.
މިކަމާއި ގުޅިގެން، ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.