ދެ ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ފޮޓޯ މީސް މީޑިއާގައި އާއްމުނުކުރުމަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީން މިފަދައިން އިލްތިމާސް ކޮށްފައި ވަނީ މިމައްސަލަ އަކީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލައެއް ކަމަށްވާއިރު، ކުޑަކުދިންގެ ހައްގު ރައްކާތެރި ކުރުމުގެ ގާނޫނުގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށެވެ.
މިމާއްދާގައި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ވެސް ސަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތު އާއްމުކޮށްގެން ނުވާނެކަމަށް ވެސް ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން އެކުދިންގެ ތަސްވީރެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެ ނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް ވެސް މިމާއްދާގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނުގައި މިފަދައިން ބަޔާންކޮށްފައި އޮންނަ ހާލު، ސޯޝަލް މިނިސްޓްރީން މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖިންސީ ޝިކާރައަކަށްވި ކުދިންނަކީ ކޮންބައެއްކަން އެނގޭ ގޮތަށް އެ ކުދިންގެ ބައްޕަގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ އެ ކުދިންނަށް ނަފްސާނީ ގޮތުން އިތުރު ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން އެމިނިސްޓްރީން ވަނީ މިސަބަބުތަކަށްޓަކައި ކުދިންގެ ކަރާމާތައް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯއެއް މީޑިއާ އަދި މީސްމީޑިއާގައި ދައުރުނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން އެއްވެސް ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގޭނަމަ ލަސްނުކޮށް ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.