އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މަައްސަލައަކީ އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމާއި ސަމާލުކަން އޮތް މައްސަލައަށް ވާއިރު، އެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަނުކުރާ ސަބަބާއި މެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދު ޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ކޮށްފައި ހުރި ޖޫރިމަނާތައް ނުދައްކާ ކުންފުނިތަކުގެ ނަންތައް އިއުލާނުކުރި ކަމަށާއި ގަވާއިދާ ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީންގެ ނަންތައްވެސް އިއުލާނުކުރާ ކަމަށެވެ.
އެގޮތުން ގެދޮރުވެރިކަން ފިޔަވައި އެންމެ ގިނަ ރައްޔިތުނެ ސަމާލުކަން އޮތް ކަމަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަށްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ، އެމްއެމްޕީއާރުސީން ފައިސާ ނެގި މީހުންގެ ނަންތައް ހޯމް މިނިސްޓްރީން އިއުލާނު ނުކުރަނީ ކީއްވެތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
ކޮން ކަހަލަ މައްސަލައެއް އުޅޭތީ ތޯއޭ އަދީބު އަތުން ފައިސާ ނަގާފައި ހުރި ފަރާތްތަކުގެ ނަންތައް އިއުލާންކޮށްލަން ނުކުރިގެން މިއުޅެނީ. އެއީ ދެއްތޯ ރައްޔިތުން މިއަދު ބޭނުންވާ ކަމަކީ – ރައީސް ޔާމީން
އެގޮތުން މި މައްސަލައިގައި ފައިސާ ނެގި މީހުންގެ ނަންތައް އިއުލާނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ރޭ ވަނީ އެމްއެމްޕީއަރުސީގެ ފައިސާ ނެގި ފަރާތްތަކުގެ ސައްހަ ލިސްޓެއް ފުލުހުންގެ އަތުގައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެ ލިސްޓް އާންމުކުރުމަށް ހޯމް މިނިސްޓަރ ފަސްޖެހިލައްވަނީ ކިހާވަރެއްގެ ޤައުމީ މަސްލަހަތެއް އެކަމުގައި އެކުލެވޭތީ ތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ފެންނަނީ ‘މެގަ’ މިނިސްޓަރެއްގެ ގޮތުގައި ކަމަށާއި އާންމުންނަށް ދައްކަވަން ބޭނުންފުޅުވަނީ ‘ވަރަށް ގަޓްސީ މާޗޯ’ މިނިސްޓަރެއްގެ ގޮތުގައި ކަމުގައިވެސް ވިދާޅުވެފައެވެ.