-Advertisement-

-Advertisement-

އެމްޑީޕީގެވެސް ތާއީދާއެކު ޕީޖީއަކަށް އައްބާސް އައްޔަން ކުރުމަށް ފާސްކޮފި

އައްބާސް

ހުސްވެފައިވާ ޕީޖީ ކަމުގެ މަޤާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެވެސް ތާއީދާއެކު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ޕީޖީގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުން ބޭއްވި 3 ވަނަ ޖަލްސާގައި އެ މަޤާމަށް އައްބާސް އައްޔަންކުުރުމަށް ނެގުނު ވޯޓުގައި ބައިވެރިވި 86 މެންބަރުންގެ ތެރެއިން 85 މެންބަރުން ވަނީ ޕީޖީއަކަށް އައްބާސް އައްޔަން ކުރުމަށް ތާއީދުކޮށް ވޯޓުދީފައެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް ހަ މީހަކު ކުރިމަތިލި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. ވުމާއެކު އައްބާސްއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް މަޖިލީހުން މިއަދުގެ މެންދުރުފަހުގެ ނިޔަލަށް ފުރުސަަތު ހުޅުވާލިއެވެ.

ޖުޑިޝަރީ ކޮމިޓީން އައްބާސްގެ ނަން ދިރާސާކޮށް ނިންމި އިރު، އޭނާއާ އިންޓަވިއު ވެސް ކުރިއެވެ.

ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ، ޕީޖީގެ މަޤާމަށް އައްޔަންކޮށްފި ނަމަ، މީހެއްގެ މޫނަކަށް ނޫނީ ކަނދުރާއަކަށް ބެލުމެއްނެތި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ޕީޖީން ކަނޑައަޅާފައިވާ އެސްއޯޕީއާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވީ އޭނާ ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަސް އަހަރުގެ ތަޖުރިބާގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތައް ބެލިއިރު، އެކި ކަހަލަ ފޯނު ކޯލްތަކާއި މެސެޖްތައް އައި ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް މައްސަލައެއް ނިންމުމުގައި އައި ފޯން ކޯލަކަށް ނޫނީ މެސެޖަކަށް ބަލާފައި ނުވާނެކަމަށެވެ.

ޕީޖީގެ މަޤާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މިދިޔަ މަހުގެ 22 ގައި އިސްތިއުފާ ދެއްވުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-