މޫސުމީ ބަދަލުތަކުން ވައިގެ ދަތުރުފަތުރަށް ކުރާ ނޭދެވޭ އަސަރާއި ގުޅޭގޮތުން “އިމްޕެކްޓް އޮފް ކްލައިމެޓް ޗޭންޖު އޮން އޭވިއޭޝަން” ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މޯލްޑިވެސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) ން ފަށައިފިއެވެ.
2 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ކުރިއަށް ދަނީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.
ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން އެ ކުންފުނިން އިސްނަގައިގެން ސަރުކާރުގެ ވުރާރާތަކާއި، އިދާރާތަކާއި ގުޅިގެން ފެށި މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް ވަނީ، އޭވިއޭޝަން ދާއިރާއިން އޯޒޯން ލޭޔަރަށް ގެއްލުންދޭ ކަންކަން ފާހަގަ ކުރައްވައި އެކަން އިސްލާހު ކުރުމާ ގުޅޭގޮތުން އަލި އަޅުއްވައިލައިފައެވެ.
އެގޮތުން ޖައްވަން ދޫކުރާ ވިހަ ގޭހުގެ ސަބަބުން އޯޒޯން ފަށަލައަށް ގެންލުންވާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެމްސީއެލް ވެގެންދާނީ ތިމާވެއްޓަށް ރައްކާތެރި މަސައްކަތްތަކެއް ކުރާ ބައެއްގެ ގޮތުގައިކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގެ ހެނދުނުގެ ދަންފަޅީގައި ސިވިލް އޭވިއޭޝަނުންނާއި އަދި އެންވަޔަރަމެންޓް މިނިސްޓްރީ އިން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނެވެ.
އަދި މެނދުރު ފަހުގެ ދަންފަޅިގައި މޯލްޑިވްސް މީޓެރޮލިޖިކަލް ސެންޓަރުގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއެކު ގުރޫޕް ޑިސްކަޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ. އެއްފަހު ސަޕޯޓިން ޕާޓްނަރުންނަށް ސެޓްފިކެޓް ދިނުން ވެސް އޮންނާނެ ކަމަށް އެމްއޭސީއެލުން މައުލޫމާތު ދެއްވައެވެ.