މި އަހަރުގެ މުދަރިއްސުންގެ ދުވަސް ފާހަގަކުރުމުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައި ސްކޫލުތަކަށް ފޮނުވައިފިއެވެ.
އެ މިނިސްޓްރީން ސްކޫލުތަކަށް މިއަދު ފޮނުވި ސަރކިއުލަރއެއްގައި ބުނެފައިވަނީ، އެ ސަރކިއުލަރ އަކީ މުދަރިއްސުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މުދަރިއްސުންނަށް ހިތްވަރާއި ތަރުހީބު ލިބޭނެ ފަދަގޮތަކަށް އެކުލަވާލައިފައިވާ ސަރކިއުލާއެއްކަމަށެވެ.
އެގޮތުން އެ މިނިސްޓްރީގެ ސަރިކިއުލަރގައި ބުނެފައިވަނީ މުދަރިއްސުންގެ ދުވަސް ފާހަގަކުރަނީ، މުދަރިއްސުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމާއެކު މުޖުތަމައުގައި މުދަރިއްސުންގެ މުހިއްމުކަމާއި ޤައުމު ބިނާކުރުމުގައި މުދަރިއްސުންގެ ދައުރު ދަރިވަރުންނާއި މުޖުތަމަޢަށް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން މި އަހަރުގެ މުދަރިއްސުންގެ ދުވަސް ފާހަގަ ކުރުމުގައި އަމަލުކުރުމަށް މިނިސްޓްރީން އަންގައިފައިވާ ކަންކަން؛
- އަގު ބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް ފޯކަސްކޮށްގެން ހަރަކާތްތައް ރޭވުން
- މުދަރިއްސުންގެ ދުވަސް ފާހަގަކުރުމަށް އޮކްޓޫބަރު 6 ން 10އި ދެމެދުގެ ދުވަހެއް ކަނޑައަޅައި ހިންގާ ހަރަކާތްތައް މުއްދަތަށްވުރެ އިތުރު ނުވާނެހެން އެ ދެމެދަށް ފެއްތުން
- ކޮންމެ ދަންފަޅިއެއްގައި ބާއްވާ އެސެމްބްލީވެސް 45 މިނެޓަށްވުރެ ދިގު ނުވާނެހެން ބޭއްވުން
- އެސެމްބްލީގެ އިތުރުން ރަސްމީ ސެޝަންގައި ރާވާ ހަރަކަތްތައް 2ގަޑި އިރަށްވުރެ ދިގު ނުކުރުން (ހަރަކާތެއް ކުރިއަށް ގެންދާނަމަ ދުވަހުގެ ދަންފަޅި ކުރު ނުކުރުން)
- މުދަރިއްސުންގެ ދުވަހުގެ އެއްވެސް ހަރަކާތެއް ރަށުން ބޭރުގައި ކުރިއަށް ނުގެންދިއުން
- ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަކިވަކި މުދަރިއްސުންނަށް ހަދިޔާ ނުދިނުން
- މުދަރިއްސުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދަރިވަރުންނާއި ބެލެނިވެރިންގެ އަތުން އެއްވެސް ފައިސާއެއް ނުނެގުން
- ދުވަހުގެ ހަރަކާތައް ރޭވުމުގައި މުދަރިއްސުންގެ ޤަދަރާއި ކަރާމާތަށް ހުތުރުވާނެ ކަމެއް ނުކުރުން
އެގޮތުން އެ ވުޒާރާއިން ވަނީ މި ނިންމުންތައް ނިންމައި ސަރކިއުލަރ އާއި އެއްގޮތަށް އަމަލުކުރުމަށް ސްކޫލުތަކަށް އަނގައިފައެވެ.
މި ސަރުކާރުން ތަޢުލީމީ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް އިސްލާހުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މުދަރިއްސުންގެ ވޯކްލޯޑް ކުޑަކުރުމުގެ ގޮތުން ބަނދުދުވަސްތަކުގައްޔާއި ސްކޫލު ސެޝަން ނިމި ވަކި ވަގުތުތަކެއް ފަހުން މުދަރިއްސުން ސްކޫލަށް ނެރެގެން އެއްވެސް މަސައްކަތެއް ނުކުރުވުމަށްވެސް ސްކޫލުތަކަށް ވަނީ އަންގައިފައެވެ.