ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގައި މުވައްޒަފުންނަށް ނަފްސާނީ އަނިޔާ ލިބެމުންދާ ކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ހުށަހަޅައިފިއެވެ.
އެޗްއާރްސީއެމްގެ ވިސިލް ބްލޯ ޔުނިޓަށް ހުށަހަޅާފައިވާ މައްސަލައިގައި އޮމްބަޑްސްޕާސަންގެ ސުލޫކީ މިންގަނޑުގައި މަޤާމުގެ މަސްއޫލިއްޔަތުގެ ދާއިރާގައި މަދަނީ ޖަމާއަތެއްގެ މެންބަރަކަށް ނުވުން ހިމެނޭ ކަމަށް ބަޔާންކޮށްފައިވާއިރު މި ވަގުތު އެ މަޤާމުގައި ހުންނެވި ނިއުމާތު ޝަފީގަކީ މަޤާމަށް އައްޔަން ކުރި އިރުވެސް އަދި މިހާރު ވެސް މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޘަންގެ ޗީފް ކޮމިޝަރު ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އޮފީސް ހުޅުވާ ލެއްޕުމާއި އޮފީހުގެ ތަޅުދަނޑު ބެލެހެއްޓުމަށް އުސޫލެއް ނެތް ކަމަށާއި، އޮފީސް ހިންގުމުގައި ރަސްމީ ސިފައެއް ޖެހިފައި ނުވާ ކަމަށާއި، އޮފީސް ތެރޭގައި މުވައްޒަފުންނަށް ފެންނަން ނުޖެހޭ އަހުލާގީގޮތުން ދަށް ނުރަނގަޅު މަންޒަރުތައް ފެންނައިރު އެކަންކަމަށް ފިޔަވަޅު އަޅާފައި ނުވާކަމަށާއި، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކުރުމާއި، ރާއްޖެއިން ބޭރަށް އޮފީސް ތަމްސީލްކުރުމަށް ފުރުސަތު ދެނީ އޮމްބަޑްސްޕާސަންއާ ގާތް ގުޅުން އޮންނަ ޑިރެކްޓަރުންނަށް އެކަނި ކަމަށާއި، ސެކްރެޓަރީ ޖެނަރެލްއެއް ނެތުމުން އެ މަގާމުގެ މައްސޫލިއްޔަތު ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން އަދާކުރަމުން ނުދިއުން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަހު އޮފީސް ބަންދުކޮށް ކުޑަގިރިއަށް ދިއުމަށް މުވައްޒަފުންނަށް މަޖްބޫރުކުރުން ހިމެނެއެވެ.
ހަމައެއާއިއެކު، އޭގެ އިތުރުން މައްސަލައިގައިވަނީ އެ އޮފީހަކީ ރަސްމީ މުހިންމު ތަހުޤީގު މަސައްކަތްތަކެއް ކުރާ މުއައްސަސާއަކަށްވާއިރު މިހާތަނަށް ވެސް އޮފީހުގައި ކޭޝް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރެވިފައި ނުވާ ކަމަށާއި އެއީ ތަހުޤީގީ އިދާރާއެއްގައި ތަހުޤީގީ މަސައްކަތްކުރުމަށް ދަތި އަދި އެންމެ ރައްކާތެރިގޮތް ނޫން ކަމަށް ވެސް މިމައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި އޮމްބަޑްސްމެން އޮފީހަކީ ދައުލަތުގެ މުއައްސަސާއަކަށްވާއިރު އޮފީހުގެ މަސައްކަތް އަމިއްލަ އޮފީހެއްގެ ގޮތަށް ކުރަމުންދާ ކަމަށާއި އޮފީސް ހެލްޕާގެ ގޮތުގައި މަސައްކަތްކުރާ ފަރާތުގެ ގެއަށް އޮފީހުގެ ކުނިވާ ޒާތުގެ ކުނި ގެންދިއުމަށް ހަތަރު މަސްދުވަސްވަންދެން ވަނީ މަޖްބޫރު ކޮށްފައެވެ.