-Advertisement-

-Advertisement-

ފެނަކަ ޑިޖިޓަލައިޒް ކުރުމަށް މަގުޗާޓެއް ތައާރަފްކޮށްފި

ފެނަކަ: ފޮޓޯ/ ހަތާވީސް އެމްވީ

ފެނަކަ ޑިޖިޓަލައިޒް ކުރުމަށް މަގުޗާޓެއް އެކަލަވާލައި ތައާރަފް ކޮށްފިއެވެ.

މިމަގުޗާޓު ތައާރަފް ކޮށްފައި ވަނީ މިއަދު ހެނދުނު މީރުމާ ހޯލްގައި ބޭއްވި އިވެންޓެއްގައެވެ. މިއިވެންޓްގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، އިވެންޓްގެ ބައިވެރިންނަށް މި މަގުޗާޓުގައި ހިމެނޭ އެކި ކަންކަމުގެ ތަފްސީލުތައް ހިއްސާ ކުރެވިފައިވާ ކަމަށް ފެނަކާއިން ވިދާޅުވިއެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ތައާރަފް ކޮށްފައިވާ މި މަގުޗާޓުގައި ކުންފުނިން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއަރތަކާއި ޕޯޓަލްތައް ހިމެނޭނެއެވެ. އަދި މިއަދު އިފްތިތާޙް ކުރެވުނު ގިރުނބާއަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުންކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޮނެންޓެވެ.

އެގޮތުން، މިއީ ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކަ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެއް ކަމަށް ފެނަކައިން ވިދާޅުވި އެވެ.

ފެނަކައިގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވުމާއިއެކު، ފެނަކައިގެ  ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޙާއްސަ ސޮފްޓްވެއަރއެއްވެސް ވަނީ މިއަދު ތަޢާރަފް ކޮށްފައެވެ. ފެނަކައިން ވިދާޅުވީ ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް މި ސޮފްޓްވެއާގެ ސަބަބުން ފަސޭހަވާނެ ކަމަށެވެ.

ހަމައެއާއިއެކު، މިސޮފްޓްވެއާގައި ފެނަކަ ޓެންޑަރ ޕޯޓަލްއާއި،ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމެނޭނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ވިދާޅުވީ އެޗްއާރ ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެއް ކަމަށެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން ތ. އަތޮޅުގައި ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ބޭނުން ކުރަން ފަށައިފައިވާއިރު، ފެނަކައިން ވިދާޅުވީ އެކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކުރުމުގެ ކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން މިހާރު މިޕްރޮޖެކެޓްގެ ދަށޫން ދ.ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން ވަނީ ފަށާފައެވެ. ފެނަކައިން ވިދާޅުވީ ފެނަކައިގެ އަމާޒަކީ މި މަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުން ކަމަށެވެ. އަދި މީގެ ސަބަބުން ކުންފުނީގެ ހިދުމަތްތަކުގެ ސްޕީޑް އަވަސް ވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-