މާލެ ސިޓީގެ ތޮށިގަނޑު މަރާމާތު ކުރުމަށް ޖަޕާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި މާލެ ސިޓީގެ ތޮށިގަނޑު މަރާމާތު ކުރުމަށް ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކޮށްފައި ވަނީ ވަޒީރު މޫސާ ޒަމީރެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއި ކޮށްފައި ވަނީ ޗަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތަކެއުޗި މިދޮރި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ގުޅިގެން ކަނޑުގެ އުސްމިން ބޮޑުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ޒަމީރު ވިދާޅުވީ އެކަމުން ރާއްޖެ ސަލާމަތް ކުރުން މުހިންމު ކަމަށެވެ.
“މި މަޝްރޫއަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަން. 2004 ވަނަ އަހަރުގެ ސުނާމީން މާލެ ސިޓީ ސަލާމަތްވުމުގައި ޖަޕާނުން 1990 ވަނަ އަހަރުގައި މާލެ ވަށާއިގެން އަޅާފައިވާ ތޮށިގަނޑު ވަރަށް ބޮޑު ދައުރެއް އަދާކުރި. މި މަޝްރޫއާއިއެކު ތޮށިގަނޑު އިތުރަށް ވަރުގަދަވެގެންދާނެ.”، ޒަމީރު
ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީއަށް ޝުކުރު އަދާކުރައްވާ ޒަމީރު ވިދާޅުވީ ޖަޕާނުން ކޮށްދޭ މަސައްކަތްތަކަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
ހާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއަކީ ޖަޕާނުގެ އެކޮނޮމިކް އަދި ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމަށާއި މި މަސައްކަތަށް ޖަޕާނުގެ ސަރުކާރުން 140،000 ޑޮލަރު ދޭނެ ކަމަށެވެ.