-Advertisement-

-Advertisement-

ހުޅުމާލޭގެ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ފޮޓޯ: އެޑިޝަން

ހުޅުމާލޭގެ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ވަނީ ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ޖާގަތަކުގެ ތެރޭގައި ހިމެނޭނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،374 ޕާކިން ޖާގަ ކަމަށާއި މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ ޖާގަތަކެއް ކަމަށެވެ.

މިޖާގަތަކުގެ ކުއްޔަކީ މަހެއްގެ މައްޗަށް 2000 ރުފިޔާކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް މިޕާކިން ޖާގަތަކަށް ކުރިމަތިލެވޭނެ ކަމަށާއި، ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލްއެއް އޮންނަންވާނެ ކަމަށެވެ. މީގެއިތުރުން ޕާކިން ހޯދަން އެޕްލައި ކުރާ ފަރާތަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުވާލާ މިސްލޮޓްތައް ދޫކުރުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ކަމަށާއި އެއަށްފަހު، (ހުޅުމާލެ ފިޔަވައި) މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މިދެ ކެޓަގަރީންވެސް ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބަކީ؛

  1. ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
  2. ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
  3. މާލޭސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން

އެހެންކަމުން ޕާކިން ޖާގަތައް ދޫކުރާނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕާކިން ޖާގައަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 1 އޮކްޓޯބަރެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން 14:00ށް އެޗްޑީސީގެ ރިސެޕްޝަނުން އެޕްލިކޭޝަން ފޯމު ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ވިދާޅުވީ ހުޅުމާލެއިން ދޫކުރާ މި ޕޮކެޓް ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށާއި، ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-