-Advertisement-

-Advertisement-

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލީ މަސްތުވާތަކެތީގެ މައްސަލައެއްގައި، ސިފައިގެ ދެމީހުންވެސް ހިމެނޭ!

މި އަހަރުގެ މެއި މަހުން ފެށިގެން އެއްމަސް ދުވަސްވަންގެން މާލޭގެ ގެޔެއްގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި އެ މީހާ ރަހީނުކޮށްގެން ގެންގުޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށާއި މި މައްސަލައިގައި ހައްޔަރުކުރި 5 މީހުންގެ ތެރޭގައި ސިފައިންގެ ދެ އޮފިސަރުން ހިމެނޭކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 25ން ފެށިގެން އެއް މަސްދުވަސް ވަންދެން މާލޭގެ ގެއެއްގައި ވަނީ މީހަކު ރަހީނުކޮށްގެން ގެންގުޅެފައެވެ. އެގޮތުން އޭނާ ރަހީނުކޮށް އޭނާއާއި މެދު މާރާމާރީ ހިންގައި ނަފްސާނީގޮތުން އެތަކެއް އަނިޔާއެއްކޮށް އޭނާއާމެދު މާރާމާރީ ހިންގައި މަޖުބޫރުން އޭނާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރިކުރުވުމުގެ އިތުރުން އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލައިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،  ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ޖޫން 25 ވަނަ ދުވަހު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން، އެތަނުގައި އެވަގުތު ޑިއުޓީ ކުރަމުން ދިޔަ ފުލުހުންގެ ފަރާތުން ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ރަހީނުކޮށްގެން ގެންގުޅެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ޖިސްމާނީ އެކި ވަރުގެ އަނިޔާތައް އޭނާއަށް ކޮށްފައިވާކަމުގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ފެނިފައިވާކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ސިފައިންގެ ދެ އޮފިސަރުން ހިމެނޭހެން 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • އަލީ ސާމީ (24އ)، ރ. ކަނދޮޅުދޫ، މިހުރާ
  • އަހުމަދު ސާއިފް ވަހީދު (18އ)، ގދ. ގައްދޫ، ހުދުވެލި
  • މުހައްމަދު ނައުޝަން ހުސެއިން (21އ)، ތ. ތިމަރަފުށި، އުތުރުގެއާގެ
  • މުހައްމަދު ނަފާހު (23އ)، ކ. މާފުށި، ފުލްމޫން
  • އަހުމަދު ޒަޔާން (24އ)، ލ.ގަން/ތުނޑި، ލިންކް

މި ފަސް މީހުންގެ ތެރެއިން އަލީ ސާމީ، އަހުމަދު ސާއިފް ވަހީދު، މުހައްމަދު ނައުޝަންގެ އިތުރުން އަހުމަދު ޒަޔާން، ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާއިރު، މުހައްމަދު ނަފާހު މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ 3 ކުދިން ވެސް ހިމެނޭތީ އެކަން ވެސް ބަލަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.

މި އެންމެން މިހާރު ފުލުހުންގެ ބަންދުގައި ތިބިއިރު، މީގެ ތެރެއިން މުހައްމަދު ނަފާހު އާއި އަހުމަދު ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާ ކުރާ ދެ މީހުން ކަމަށާއި މިކަމުގެ މައުލޫމާތު އެމްއެންޑީއެފްއާއި ހިއްސާކޮށް، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެމްއެންޑީއެފުން ވެސް އަޅަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.

މާރާމާރީއާއި ފޭރުމުގެ އިތުރުން މީހުން ރަހީނުކުރުމުގެ މައްސަލަތައް މި ފަހުން އާންމުވެފައި ވާއިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް މާލޭގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދެއްކި މައްސަލައެއްގައި ފުލުހުން ވަނީ އާދަމް އަތުހަރު ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް މި މަހުގެ 2 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ، އަތުހަރު މަރުވެފައިވަނީ ދަންޖެހިގެންކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓްގައިވެސް ބުނެފައިވާކަމަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-