އަނބިކަނބަލުންނާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަހުމަދު ދައްކަވަމުން ގެންދަވަނީ ބޮޑު ބުހުތާނު ދޮގު ކަމުގައި ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝަހީމް އިޔާޒްގެ އަނބިކަނބަލުންނާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެމްބަސީތައް ކައިރީގައި އަޑު އުފުލުމުގެ މައްސަލައިގައި ޑރ. އިޔާޒްގެ އަނބިކަނބަލުން ހައްޔަރު ކުރުމާއި ގުޅިގެން އަނބިކަނބަލުން ވަރިކޮށްލުމަށް ޝަހީމް އިޔާޒަށް އެންގިކަމަށް މީސްމީޑިއާގައި ދެކެވޭ ވާހަކަތާކައި ގުޅޭ ގޮތުން ނޫސްވެރިޔަކު ވަނީ ޝަހީމާއި ސުވާލު ކޮށްފައެވެ.
މިސުވާލުގެ ޖަވާބުގައި ޝަހީމް ވިދާޅުވީ، އިޔާޒްގެ އަނބިކަނބަލުން ވަރިކުރުމަށް ބުނެފައި ނުވާނެ ކަމަށެވެ. ޝަހީމް އިތުރަށް ވިދާޅުވީ އިޔާޒްގެ އަންހެނުން އިޔާޒްގެ ބުނާ ބަސް ނާހާ ކަމަށްވާނަމަ، އިޔާޒްގެ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން، މީހަކު މެދުވެރިކޮށްގެންވިޔަސް ބަސްނާހާ މީހާކާއި އެއްކޮށް ނޫޅެން ބުނެފާނެ ކަމަށެވެ. އަދި އެފަދައިން ބުނި ކަމުގައިވީ ނަމަވެސް އެއީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ބުނާ އެއްޗެއް ކަމަށެވެ.
“އެހެންނޫނަސް، އިޔާޒްގެ އަންހެނުން އިޔާޒް ބުނާ ބަސްނާހާ އުޅެންޏާ، އަޅުގަނޑުމިއީ އިޔާޒްގެ ރަހުމަތްތެރިއަކަށް ވަންޏާ، މީހަކު މެދުވެރިކޮށްވެސް އިޔާޒް ކައިރީ އަޅުގަނޑު ބުނެފާނެ ބަސްނާހާ މީހަކާ އެއްކޮށް ނޫޅޭށޭ. އެއީ ރަހުމަތްތެރިކަމުގެ ގޮތުން ބުނާ އެއްޗެއް ދެއްތޯ އެހެން ބުނެފިއްޔާމުވެސް.” ޝަހީމް
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ ޑރ. ޝަހީމް ދައްކަވަމުންދާ ވާހަކަތަކަކީ ބޮޑު ބުހުތާނު ދޮގު ކަމަށެވެ.
އިޔާޒް ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި އަނބިކަނބަލުން ހުރި އިރު މުޙައްމަދު ޝިފާން މެދުވެރިކޮށް “އޭނާ ކައިރީ ބުނޭ ޝާދިޔާ ވަރިކުރާށޭ” މިފަދައިން އަންގާފައިވާ ކަމަށެވެ. އަންހެނުން ދިފާޢު ކުރައްވާ އިޔާޒް އިތުރަށް ވިދާޅުވީ ﷲގެ ރަޙްމަތްފުޅާއިއެކު އަނބިކަނބަލުންނަކީ ވަފާތެރި ކިޔަމަންތެރިއެއް ކަމަށެވެ.
މީގެއިތުރުން، ރިވެތި އަޚްލާޤުގެ ވާހަކަ ދައްކަވާއިރު، ހިލޭ އަންހެން ކުއްޖެއްގެ އަތުގައި ހިއްޕަވައިގެން މީހެއްގެ ފްލެޓެއްތެރެއަށް ވަދެ ބޮނަކުއާ ބޯން އޮންނެވީ ދުރޫސުލް އަޚްލާޤުގެ ކިތައްވަނަ ފިލާވަޅުގެ ދަށުންތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލެއްވުން ރަނގަޅު ކަމުގައި ވެސް އިޔާޒް ވިދާޅުވިއެވެ.
“އަޅުގަނޑު އަންހެނުން ބަސް ޤަބޫލު ނުކުރާ ވާހަކަ މީހުން ގާތު ދައްކާ ކަމަށް ބުނެވެސް ހެއްދެވީ ބޮޑު ބުހުތާނު ދޮގެއް. ﷲގެ ރަޙްމަތުން އަޅުގަޑު އަންހެނުންނަކީ ވަފާތެރި ކިޔަމަންތެރި އެއް. ރިވެތި އަޚްލާޤުގެ ވާހަކަ ދައްކަވާ އިރު ހިލޭ އަންހެން ކުއްޖެއް އަތުގައި ހިއްޕަވައިގެން މީހެއްގެ ފްލެޓެއްތެރެއަށް ވަދެ ބޮނަކުއާ ބޯންއޮންނެވީ ދުރޫސުލް އަޚްލާޤުގެ ކިތައްވަނަ ފިލާވަޅުގެ ދަށުންތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލެއްވުން ރަނގަޅު” އިޔާޒް
އޭގެ ފަހުން އަނެއްކާވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޔާޒް ވިދާޅުވީ އަނބިކަނބަލުން ފުލުހުންގެ ހައްޔަރުގައި ހުރި އިރު ރާއްޖޭގެ ވަރަށް ގިނަ ޢިލްމުވެރިން ތިއްބަވާ ވައިބާ ގްރޫޕެއްގައި އަނބިކަނބަލުންނަށް ނިސްބަތްކޮށް ވަރަށް ހުތުރު ނަންތައް ބޭނުންކޮށްގެން ޝަހީމް މެސެޖް ކުރައްވަމުން ގެންދެވި ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް ޝަހީމަށް ނަސޭހަތްތެރިވެފައިވާނޭ ކަމަށެވެ.
މީގެއިތުރުން، އެކަން ހުއްޓައިނުލައިފި ކަމުގައިވާނަމަ، ދެން ކުރާނޭ ޓްވީޓް ޑްރާފްޓްކޮށް ޝަހީމަށް ފޮނުވާފައިވާނޭ ކަމަށާއި އެހިސާބުން މައިތިރިވެ ހުރެފައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަނެއްކާވެސް އަނބިކަނބަލުންނަށް ނިސްބަތްކޮށް ދޮގުވާހަކަ ދެއްކެވުމުން ޝަހީމް ކައިރީގައި ޕޯސްޓްކުރާނޭ ކަމަށް ބުނެފައިވާ ޓްވީޓް ޕޯސްޓް ކުރީ ކަމަށެވެ.
އިޔާޒް އިތުރަށް ވިދާޅުވީ ސަމާލުވާން ބުނިމީހާއަށް ޢުޛުރު ލިބިގެންވާ ކަމަށެވެ. އެހެންކަމުން ޝަހީމްއާއި ގުޅިގެން ކޮށްފައިވާ ޓުވީޓު ޑިލީޓްކުރަން ވިދާޅުވާ ބޭފުޅުން މިކަން ހަނދާނުގައި ބެހެއްޓެއްވުމަށް އިޔާޒް ވިދާޅުވިއެވެ.