ޝަރީއަތުގެ މަޖިލީހުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ބޭނުންކުރަން ފަށާ ތާރީޚް އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މިއަހަރުގެ ޖޫން މަހުގެ 9 ގައި ސުޕްރީމް ކޯޓުން ‘ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު’ގެ ނަމުގައި އެކުލަވާލި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދަށު ކޯޓުގެ ފަނޑިޔާރުން ތިއްބަވަން ޖެހޭނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ގައުނެއް ތުރުކުރައްވައިގެންނެވެ.
މިއުސޫލުގައި ގައުންގެ ނަމޫނާ އާންމުކުރަންވާނެ ކަމަށް ބަޔާކޮށްފައިވެއެވެ. އަދި މިއުޞޫލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ގައުން ފަނޑިޔާރުންނަށް ފޯރުކޮށްދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންނަމަވެސް އަދި މިހާތަނަށްވެސް ޑީޖޭއޭ އިން މިގައުންގެ ނަމޫނާއެއް އާންމުކޮށްފައެއް ނުވެއެވެ.
މިއުޞޫލަށް މިއަދު ގެނެވުނު ބަދަލާއިއެކު، ދަށު ކޯޓުގެ ގާޟީން ގައުން ލާން ފަށާ ތާރީޙް ވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 އަށް ފަސްކޮށްފައެވެ. މިތާރީޚް ފަސް ކުރި ސަބަބެއް ސާފުވެފައި ނުވާއިރު، މިހާރު އަމަލުކުރަމުންދާ ގޮތުން، ފަނޑިޔާރުންގެ ތެރެއިން ގައުން ތުރުކުރައްވާފައި ތިއްބަވަނީ ހައިކޯޓު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. ދަށު ކޯޓުގެ ގާޟީން ތިއްބަވަނީ ކޯޓު ފަޓުލޫނު ތުރުކުރައްވައިގެންނެވެ.