މަސްތުވާތަކެއްޗާއިއެކު ރާއްޖެއިން އަތުލައިގަތް މެލޭޝިއާގެ ދެ ރައްޔިތުންނަކީ ދުނިޔޭގެ އެކި ޤައުމުތަކަށް މަސްތުވާތަކެތި ފޯރުކޯށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުން ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޖުލައި މަހުގެ 27 ވަނަ ދުވަހު އެމިރޭޓްސް ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރުމުން ކަސްޓަމުން އޭނާ ޗެކް ކޮށްފައިވާކަމަށާއި އިތުރަށް ޗެކްކުރުމުން އޭނާގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން ފުލުހުންގެ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ވަގުތުން ހިންގާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މެލޭޝިއާ މީހާ ވީޗެޓް މެދުވެރިކޮށް ގުރޫޕެއްގައި ވާހަކަދައްކަމުން ގެންދިޔަކަން ފާހަގަކުރެވުނު ކަމަށާއި، އޭގެން މަސްތުވާތަކެތި ބަލައި އިތުރު މީހަކު އަންނާނެކަން ވެސް ހާމަވި ކަމަށް ޝިފާއު ވިދާޅުވިއެވެ.
“ކޮންޓްރޯލް ޑެލިވަރީގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ވީ ޗެޓް ގުރޫމެއް މެދުވެރިކޮށް ކޮމިއުނިކޭޓް ކުރަމުންދާކަން. އެގޮތުން 7 މީހަކު ހިމެނޭ މި ގުރޫޕުގައި ވާހަކަދައްކަމުން ގެންދިޔަ.” ޝިފާއު
ޝިފާއު ވިދާޅުވީ އެ މަސްތުވާތަކެއްޗާއި ހަވާލުވުމަށް އައި މީހަކީ ފްލައިޓު އަންނަން އޮތް ތާރީހުގެ އެއް ދުވަސް ކުރިން ރާއްޖެ އައި މެލޭޝިއާގެ މީހެއް ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ކޭސްތަނުން ބަރުދަނުގައި 13.5 ކިލޯ ހުރި ކެނަބިސް އަތުލައިގަނެވުނެވެ. އަދި މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރެވުނު ދެމީހުންނަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ބައެއް ކަމަށާއި މިމަސްތުވާތަކެއްޗަކީ ވެސް ޔޫކޭއަށް ގެންދަން ރާވާފައި އޮތް މަސްތުވާތަކެތި ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.
“މި މައްސަލައިގެ ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި ދެމީހުންނަކީވެސް ހާއްސަކޮށް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ބައެއްކަން. އެގޮތުން މި މަސްތުވާތަކެއްޗަކީވެސް ޔޫކޭއަށް ގެންދަން މި މީހުން ރާވާފައި އޮތް މަސްތުވާތަކެތިކަން ފާހަގަކުރެވުނު.” ޝިފާއު
ޝިފާއު ވިދާޅުވީ އެމީހުން ގެންގުޅޭ ނެޓްވޯކުގައި އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން އަތުލައިގަނެފައިވާ މަސްތުވާތަކެތި އިތުރަށް ރީޕެކްކޮށް، ޕެކިން ބަދަލުކޮށްގެން ޔޫކޭއަށް ގެންދަން ރާވާފައިވާ ކަމަށެވެ.