އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަޤުރީރު ކުރުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިއަދު އާއްމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އދ. ގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އދ. ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ވެސް އެމަނިކުފާނު ތަގްރީރު ކުރައްވާނެ ކަމަށެވެ.
“ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާނެ އަދި ޔޫއެން ސެކިއުރިޓީ ކައުންސިލް (ސަލާމަތީ މަޖިލިސް)ގެ ހާއްސަ އޯޕެނިން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ،” ހީނާ
ހީނާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.
މިއީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު އދ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިމަހުގެ 25 ވަނަ ދުވަހު “ލީޑާޝިޕް ފޯ ޕީސް”ގެ ނަމުގައި އާންމު މަޖިލީހުގެ އޯޕެން ޑިބޭޓެއް ޤައުމުތަކުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން ގައުމުތަކުގެ ވެރިންގެ މެދުގައި ބަހުސް ކުރުމަށް ބާއްވާ ސެޝަން ބާއްވާނެއެވެ.
ހީނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފަރާތުން ބާއްވާ “ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް”ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބު ކުރައްވާ ތަޤުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.