ގިނަ އަދަދެއްގެ ދިވެހި ކުދިން ކިޔަވަމުން އަންނަ ފްލައިބައި އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއްގެ ވެއްޓި އެހެން ގައުމެއްގެ ދަރިވަރަކު ނިޔާވެ، އިންސްޓްރަކްޓަރަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ފްލައިބައި އޭވިއޭޝަން އެކަޑަމީގެ (EC-OJB) ގެ ނަމުގައި ރަޖިސްޓާ ކޮށްފައިވާ (Tecnam P2008JC MkII) މަތިންދާބޯޓު މިމަހުގެ 18 ވަނަ ދުވަހު ވެއްޓިފައި ވަނީ ސްޕެއިންގެ )ކަސްޓިއައި ލިއޯން) ސަރަޙައްދުގެ ޕެލެންސިއާގެ (އަބިއާ ޑެ ލަސް ޓޯރެސް) އިން ގާތްގަނޑަކަށް 600 މީޓަރު އުތުރަގައި އޮތް ހުސް ބިމަކަށެވެ.
މިހާދިސާ ހިނގާފައިވަނީ ބުރްގޯސް އެއަރޕޯޓުން ފުރައިގެން އެ އެއަރޕޯޓަށް އެނބުރި ދިއުމަށް ހަމަޖެހިފައިވާ ޕައިލެޓް ކޯހުގެ ތެރެއިން ހިނގާ އާންމު ތަމްރީނު ދަތުރެއްގެ ތެރެއިންނެވެ.
މިހާދިސާ ހިނގިއިރު، ބޯޓުގައި ޕައިލެޓް ކޯސް ހަދާ ދަރިވަރުގެ އިތުރުން އިންސްޓްރަކްޓަރެއް އިނެވެ. ބޯޓު ވެއްޓުނު ވަގުތު ބޯޓުގެ ކުރީކޮޅު ތިރިއަށްދާގޮތަށް (ނޯސް ޑައިވް) އަކަށް ގޮސްފައިވުމާއިއެކު ޕައިލެޓުކަން ކިޔަވާ ދަރިވަރު ވަނީ ނިޔާވެފައެވެ. އަދި ބޯޓުގައި އިން އިންސްޓްރަކްޓަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ. އަދި ޕްރިލިމަނަރީ ނަތީޖާތަކުން ދައްކާގޮތުގައި މިހާދިސާ ހިނގާފައި ވަނީ ތަމްރީން ދަތުރުގެ މެދުތެރެއިންނެވެ.