ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ މަސައްކަތް މި ދައުރުގައި ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރަން ފެށުމާ ގުޅިގެން ވަޒީރު ވިދާޅުވީ، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން އަތޮޅުތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ ހެއްކެއް ކަމަށެވެ.
“ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ މަސައްކަތް މި ދައުރުގައި ފަށާނަން. ގިނަ ކައުންސިލްތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް އެއްބާރުލުން ދެއްވަމުން އަންނަވާ،” ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުން ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮތް ގުޅުން ހަރުދަނާވެގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2022 ވަނަ އަހަރުން ފެށިގެން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ “ނާރެސް” ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނަކުން ވެސް އައިޑީކާޑަށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑުގެ ސްޓޭޓަސް ބެލުމާއި، ކާޑު ދޫކުރުމާއި، އެޕްލިކޭޝަންތައް ބަލައިގަތުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.