-Advertisement-

-Advertisement-

ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފަށައިފި

ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާބޯ ބޯޓާ ކައިރިކޮށްފައި – ފޮޓ: އެމްޕީއެލް

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ހއ. ހޯރަފުށީގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގައި ހއ. އަތޮޅު ތަމްސީލުކުރައްވާ މެންބަރުންނެވެ. މި ޚިދުމަތް ފޯރުކޮށްދެނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބައިނަލްއަޤްވާމީ ހަކަތައިގެ ވިޔަފާރި ކުންފުނި ވިޓޯލް ގުޅިގެންނެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވި ގޮތުގައި، މި ޚިދުމަތުގެ ދަށުން ޑީސަލާއި ލޯ ސަލްފާ ފިއުލް ފޯރުކޮށްދެވޭނެއެވެ. ޑީސަލް ފޯރުކޮށްދޭނީ ޔޮޓުތަކާއި ލަގްޒަރީ ބޯޓުތަކަށް ކަމަށާއި، ކާގޯ އަދި ކޮންޓެއިނަރ ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޓޯލްގެ ފަރާތުން ކެޕްޓަން ރިޝަބް ބެހެލް ވިދާޅުވީ، ބަންކަރިންގ ދާއިރާއަށް ނުކުތުމަކީ ދިވެހި ސަރުކާރާއި އެސްޓީއޯއިން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި އަދި ފައިދާހުރި މަޝްރޫޢަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް ދެ ބޯޓު ބޭނުންކުރެވޭނެއެވެ. އެއީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެ ބޯޓަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ބަނދެފައިވާ ބޯޓުތަކެކެވެ.

ބަންކަރިންގ ޚިދުމަތުގެ އިތުރުން، ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން އަދި ޝިޕް ސްޓޯސް ފޯރުކޮށްދިނުމާއި، ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ އިތުރު ޚިދުމަތްތައްވެސް ދެވޭނެއެވެ.

ސަރުކާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަޙައްދުން ދަތުރުކުރާ ބޯޓުތަކުގެ ތެރެއިން އެއް ޕަސެންޓު ބޯޓަށް ޚިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. މި ޚިދުމަތުން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-