ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޙިޖާމާގެ ހިދުމަތް ދެމުން އަންނަ އެއްތަން ކަމުގައި ވާ، ފަޒީސް ޙިޖާމާ ބަންދުކޮށްދިނުމަށް އެދި ހެލްތް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.
ފަޒީލާ އުސްމާން ގެ ނަމުގައި ހިންގަމުން އަންނަ ފަޒީސް ޙިޖާމާގެ ޚިދުމަތް، ހެލްތް މިނިސްޓްރީގައި ރެޖިސްޓަރ ކޮށްގެން ދިނުމަށް އެތައް ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީން ފަޒީލާއަށް ވަނީ އަންގާފައެވެ.
އަދި ރަޖިސްޓްރީނުކޮށް ހިންގާ ނަމަ އެ މަސައްކަތް ހުއްޓާލުމަށްވެސް ފަޒީލާއަށް އަންގައިފައި ވީނަމަވެސް މިއަދާއި ހަމައަށްވެސް އެ ޚިދުމަތް ދެމުން އަންނަނީ މިނިސްޓްރީގައި ރެޖިސްޓަރ ނުކޮށް ކަމުގައި ހެލްތް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ފުލުހުން މިއަދު ބުނީ، ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދާ ޙިޖާމާ ޖެހުމުގެ ޚިދުމަތް ހުޅުމާލޭގައި ދެމުން އަންނަ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް އެ މިނިސްޓްރީން ފުލުހުގައި އެދިފައިވާކަމަށާއި، އެ މައްސަލަ ފުލުހުން މިހާރު ތަހުޤީގުކުރަމުން އަންނަ ކަމުގައި އެ އިދާރާއިން ވަނީ ބުނެފައެވެ.
މިމަހުގެ 11ގައި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ “ފަޒީސް ޙިޖާމާ ތެރަޕީ”ގެ ނަމުގައި ސޯޝަލް މިޑިއާގައި ޞިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް ހެލްތު މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައް ވެސް ނެގުމަށް އަންގާފައިވާ ކަމަށެވެ.
ރެޖިސްޓްރީނުކޮށް ޙިޖާމާއާއި ދިވެހިބޭހުގެ ޚިދުމަތް ދެމުންދާކަން ފާހަގަކުރެވުމާއެކު، އެ ފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.