ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކިއޮސްކުތައް ކުއްޔަށް ނެގުމަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ފަސް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނިންމައިފިއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލް ސިރާޖު އާއި ހަވާލާދީ ރާއްޖެގެ އޮންލައިން ނޫހެއް ކަމަށް ރިޕޯޓްކޮށްފައިވާ ގޮތުގައި އެޗްޑީސީން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކިއޮސްކުތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން ވަނީ ފަސްކުރެވިފައެވެ.
ހުޅުމާލޭގައި ގާއިމުކޮށްފައިވާ 20 ކިއޮސްކު ކުއްޔަސް ހިފުމަށް އެދި 183 މީހުން ކުރިމަތިލާފައިވާއިރު، ކުރިން އޮތީ މިއަދުގެ 10:00 ގައި އެމީހުންގެ މެދުގައި ގުރުއަތުލުމަށް ހަމަޖެހިފައެވެ.
ސިރާޖު ވިދާޅުވީ ގުރުއަތުލުން ފަސްކުރީ ކިއޮސްކު ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅި މީހުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. ގުރުއަތުލުން ފަސްކޮށްފައިވާއިރު، ދެން އަލުން ގުރުއަތުލާނެ ދުވަހެއް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.