މިހާރަށް ވުރެއް އަވަހަށް ތަހުގީގު ނިމުމަށްފަހު ދައުވާކުރުމުގެ ތަސައްވުރެއް ގެންގުޅުއްވާކަމަށް ޕްރޮސިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީޖީގެ މަޤާމަށް އައްޔަންކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ބައްދަލުކުރައްވާ އައްބާސް ވަނީ ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހަމައެއާއިއެކު މައްސަލަތަކުގެ ތަހުޤިގު ނިމުމަށްފަހު ދައުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރެއް ގެންގުޅުއްވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
ފުލުހުންގެ މައި އޮފީހުގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ މިދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވައި ކުރިއަށް އޮތް ތަނުގައި ދެ މުއައްސަސާގެ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާއި މެދު މަޝްވަރާ ކުރައްވާފައެވެ.
މީގެއިތުރުން، ޕީޖީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 90 އިންސައްތައަށް ވުރެއް ގިނަ މައްސަލަތަކަކީ ފުލުހުން ތަހުޤީގުކޮށް ހުށަހަޅާ މައްސަލަތައްކަން ފާހަގަކުރައްވާ ޕީޖީ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ.