އެކި އެކި ސަބަބުތަކާހުރެ ފުލުހުންގެ ޓޯޔާޑުގައި ޓޯކޮށްފައި ހުރި 22 އުޅަނދެއް ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ނައްތާލެވުނު 22 އުޅަނދުގެ ތެރޭގައި ހިމެނޭ 21 ސައިކަލާއި އެއް ކާރަކީ އެ ތަކެއްޗާއި ހަވާލުވުމަށް އެކި ފަހަރު މަތިން މުހުލަތު ދިނުމަށްފަހުވެސް ފެރިފަރާތުން ހަވާލުވެފައި ނުވާތަކެތިކަމަށެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައްޔާއި އެކި ތަންތަނުގައި ޤަވާއިދާއި ޚިލާފަށް ޕާކުކުރުމުގެ އިތުރުން ބޭނުން ނުކޮށް ގިނަ ދުވަސްވެފައި ވުމާއި ހަލާކުވެފައި ނުނަގައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ސިޓީ ކައުންސިލުންވެސް ފުލުހުންނާއި ގުޅިގެން ވަނީ މި ފަހުން، މާލޭގެ މަގުތަކުގައި ބާވެ ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފައެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ދަށުން އެއް އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް ހުރި އުޅަނދުތަކާއި ބާވެ ހަލާކުވެފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ދާނެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކް ކުރާ އުޅަނދުތަކާއި އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް “އޭ” ޒޯންގައި ދުއްވާ ދުއްވުމާއި ޕާކް ކުރުމާއި ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވައިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދަތުރުފަތުރާއި ބެހޭ ވުޒާރާއާއި ކަމާ ގުޅުން ހުރި ވުޒާރާތައް ގުޅިގެން ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމުގައި އުޅަނދުތައް ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.