ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވަކިވަން ބޭނުންވާ ފަރާތްތަކަށް އެއިން ފަސޭހައިން ވަކިވެވޭ ގޮތަށް ސިޔާސީ ޕާޓީގެ ޤަވާއިދަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހު ގެނެސްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ 14 ދުވަސް ތެރޭގައި ޕާޓީން އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެ ކަމަށާއި 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފި ނަމަ، އެ ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އޭނާގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު އުޅުން މަނާ މަޤާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން އުނިކޮށްދޭން ވެސް ވާނެ ކަމަށް ވެސް މިއިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއިއެކު ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާނަމަ، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް ހުށަހެޅުމުން ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް ކުރިން އޮތް ޕާޓީއަށް ރުޖޫޢަކޮށްދޭންވާނެ ކަމަށްވެސް ސިޔާސީ ޕާޓީގެ ޤަވާއިދަށް ގެނެވުނު ނުވަވަނަ އިސްލާހުގައިވާ ބުނެފައިވެއެވެ.
މީގެ ކުރިން މިކަންކަން ކުރަނީ އީސީއަށް ޚާއްސަ ފޯމެއް ހުށަހަޅައިގެންނެވެ.