ރާއްޖެއިން މީހުން ޙައްގަށް ގެންދިއުމަށް ސައުދީ ދަރުކާރުން ދެމުން އަންނަ ކޯޓާ އިތުރުކުރުމާއި ގުޅޭގޮތުން ސަޢުދީ ޚާރިޖީ ވަޒީރާއި ރައީސް މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
މިކަމާއި މެދު މަޝްވަރާ ކުރެއްވީ، އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާދު އަލް-ސައުދު އާއި އެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއާއި ސަޢުދީއާއި ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލި އަޅުވައިލައި އެ ޤައުމުން ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ވެ ދެއްވަމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއަށް ސައުދީގެ އެހީތެރިކަން ބޭނުންވާ އިތުރު ދާއިރާތަކާއި ގުޅޭގޮތުން އެ ޤައުމުގެ ޚާރިޖީ ވަޒީރާއި މަޝްވަރާ ކުރައްވައިފައެވެ.
އެކަންކަމުގެ ތެރޭގައި ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގްތިސޯދީ ތަރައްގީއާ އަދި ހައްޖުގެ އަޅުކަމާގުޅޭ ކަންކަން ހިމެނެއެވެ.
މި ބައްދަލުވުމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ސަޢުދީން ދެމުން އަންނަ އެހީތެރިކަން އެގޮތުގައި ލިބިގެންދާނެ ކަމުގެ ޔަޤީންކަން އަރުވައިފައެވެ.