ހެލްތް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހިންގުމުގެ ސަބަބުން، ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޙިޖާމާގެ ޚިދުމަތް ދެމުން އަންނަ ފަޒީސް ޙިޖާމާ ބަންދުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ހުއްދަ ނުނަގައި ޙިޖާމާގެ ޚިދުމަތް ހުޅުމާލޭގައި ދެމުން އަންނަ ތަނެއް ބަންދުކޮށްދިނުމަށް އެދި ހެލްތް މިނިސްޓްރީން އެ އިދާރާއަށް މަސައްލަ ހުށަހަޅައިފައިވާކަމަށެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު ފަޒީސް ޙިޖާމާ ބަންދުކުރުމަށް އެތަނުގެ ވެރިޔާ ފަޒީލާއަށް އަންގައިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލައިގެ ތަހުޤީޤަށް ބޭނުންވާ އެއްބާރުލުން ފަޒީލާގެ ފަރާތުން ބަރާބަރަށް ލިބެމުން އަންނަކަމަށެވެ.
ފުލުހުންގެ އެންގުމާއެކު ފަޒީސް ޙިޖާމާ ތެރަޕީގެ ޚިދުމަތް މެދު ކަނޑާލައިފައިވާކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދޭކަމަށް އެ ކްލިނިކްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
ހެލްތް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނުނަގައި ހިންގުމުގެ ސަބަބުން އެ މިނިސްޓްރީން ފަޒީސް ޙިޖާމާ ތެރަޕީއަށް ލިޔުމުން ނަސޭހަތްވެސް ދިން ކަމުގައި މީގެ ކުރިން ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފަޒީސް ޙިޖާމާ ކްލިނިކްއިން ދެމުން އަންނަ ހިދުމަތް ހުއްޓާލުމަށް ހެލްތް މިނިސްޓްރީން އެންގި އެންގުމަށް ބޯލެނބުމެއްނެތި އެ ހިދުމަތް ދެމުން ގެންދާތީ، އެތަން ބަންދުކޮށްދިނުމަށް މިނިސްޓްރީން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.