ޖަލުގައި ތިބޭ ގައިދީން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީވެ އެކަން ތަހުޤީގު ކުރުމަށް އެމްޑީޕީން ގޮވައިލައިފިއެވެ.
އެމްޑީޕީން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 62 އަހަރުގެ ފިރިހެނަކު މާފުށީ ޖަލުގައި މިއަދު އަމިއްލައަށް މަރުވި ކަމުގެ ޚަބަރު ލިބުމުން ޖަލު ބަންދުގައި ތިބޭ މީހުން މަރުވުމުގެ ހާދިސާތައް ތާކުރާރުވަމުންދާތީވެ އެކަމާއި އެޕާޓީން ކަންބޮޑުވާ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިރު ކަމެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ. އަދި ދާދި ފަހުންވެސް މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެގައިދީ ވެސް ޖަލު ގޮޅީގައި ހަރަކާތްތެރިވަމުން ދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލު އޮތް ކަމަށް އެޕާޓީން ފާހަގަކޮށްފައިވެއެވެ.
އަނެއްކާވެސް މިފަދަ ހާދިސާއެއް ހިނގާ ދިއުމުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަން ފާހަގަކޮށް އެޕާޓީން ވަނީ މިކަމުގެ ފުރިހަމަ މިނިވަން ތަހުޤީގެއް ހިންގައި އެތަހުޤީގު އާންމު ކުރުމަށް ގޮވާލައިފައެވެ. އަދި އެތަހުގީގުން ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެމްޑީޕީން ވަނީ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް ގޮވާލައިފައެވެ.
އެހެންކަމުން މިމައްސަލައިގައި ފުރިހަމަ ތަހުޤީގެއް ހިންގުމައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.