ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ މީސްމީޑިޔާގައި މަރުގެ އިންޒާރު ދިން މައްސަލަ ޕީއެންސީން ކުށްވެރިކޮށްފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވަމުން ގެންދެވި ތަޤުރީރު ފޭސްބުކްގައި ލައިވްކުރަމުންދަނިކޮށް، އެއަށް “އަބްލޯ މިޔާދް ޔޯސެފް” ނަމުގައި އެކައުންޓަކުން ކޮމެންޓުކޮށް އެމަނިކުފާނު “މަރާލާނެ” ކަމަށް ބުނެ މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ދަނީ މިހާރު ތަހުޤީގު ކުރަމުންނެވެ.
މިއާއި ގުޅިގެން ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރައީސްގެ ފުރާނަފުޅަށް ނުރައްކާވާނެ ފަދަ އަމަލެއް ހިންގާނެކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ އެ މައްސަލައަކީ ދައުލަތުގެ ތަޙުޤީގީ އިދާރާތަކުން އިސްކަންދީގެން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.
“އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލާގައި އެކަށީގެންވާ ހަލުއި ތަހުގީގެއް ހިންގެވުމަށް ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް އިލްތިމާސްކުރަން،” ޕީއެންސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެޕާޓީން ބުނެފައިވާ ގޮތުގައި ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދާނެ ކަމާމެދު ޝައްކު ނުކުރާކަމަށެވެ.