މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން، ފެންގަނޑު ހިންދުމަށް ސިފައިން ނުކުމެއްޖެއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއަށް ކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާއިބެހޭ ގައުމީ އިދާރާއިން ވެސް ވަނީ މިރޭގެ 18:00 އާއި ހަމައަށް ހއ .އަތޮޅުން ފެށިގެން ގއ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެއިދާރާއިން ބުނެފައިވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.