މިދިޔަ ސަރުކާރުގައި ޑޮލަރުގެ މުޢާމަލާތްތަކާއި އަދިވެސް ސައިސާގެ އެހެނިހެން މުޢާމަލާތްތަކުގައި ޕީއެސްއެމްގައި ހިންގައިފައިވާ ބޮޑު ޚިޔާނާތުގައި އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި ދަރިފުޅުވެސް ޝާމިލްވާކަން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނަރަލްގެ އޮފީހުން އާންމު ކުރި އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ޕީއެސްއެމްގެ ޚިޔާނާތުގެ ތެރެއިން ޑޮލަރު މާރުކުރުމުގެ ނަމުގައި އެ ކުންފުނީގެ ކުރީގެ ފިނޭސްސް ޑިރެކްޓަރު ވަނީ އޭނާގެ ދަރިފުޅުގެ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ފަހަރު މަތިން ވަނީ ޖަމާކޮފައެވެ.
މީގެ އިތުރުންވެސް ޑޮލަރުގެ އެކި މުޢާމަލާތްތަކަށް އަމިއްލަ ފަރާތްތަކަށް އެކިފަހަރު މަތިން ގިނަ ޢަދަދެއްގެ ފައިސާ ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބި ހުރި އެ އޮޑިޓު ރިޕޯޓުން ހާމަވެއެވެ.
އެގޮތުން އެ ކުންފިނީގެ ޚިޔާނާތުގެ ތެރެއިން ގެއްލުނު ޖުމުލަ ފައިސާގެ އަދަދު 9,034,083އަށް އަރާކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން އާންމުކުރި ޕީއެސްއެމްގެ އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި 2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4,583,701 ރުފިޔާ އާއި 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އާމްދަނީ އާއި އަދި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4,260,295 ރުފިޔާ އާއި ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190,087 ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން ޑޮލަރު ގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޖުމުލަ 373,988 ޑޮލަރަށްވާ 5,785,346 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގާފައިވާއިރު އެ ފައިސާގެ ތެރެއިން 4,583,701 ރުފިޔާއަށްވާ 297,257 ޑޮލަރު ޕީއެސްއެމަށް ލިބިފައިނުވާކަމަށް އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
ޑޮލަރު ގަތުމަށް ނެގި ފައިސާގެ ތެރެއިން އެ ކުންފުންޏަށް ލިބިފައިވަނީ ހަމައެކަނި 1,201,645 ރުފިޔާއަށްވާ 76,731ޑޮލަރެވެ.
މީގެ އިތުރުން އޮންލައިން ޓްރާންސްފާ ހަދައިގެން 1,284,479 ރުފިޔާ ޑޮލަރު ގަތުމަށް ނަގައިފައިވާއިރު ޖުމުލަ 75,491 ޑޮލަރަށްވާ 1,164,068 ރުފިޔާ އެކިފަހަރު މަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ
ބޭންކް އެކައުންޓަށްކަން ފާހަގަކުރެވުނުކަމަށް ވެސް އޮޑިޓުގައިވަނީ ބުނެފައެވެ.