މިދިޔަ ޖޫން މަހު ފުލުހުން ހިންގި ޚާއްސަ އިޕޮރޭޝަނެއްގައި މާފުށީޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދައިގެން ބޮޑު އަދަދަކުން މަންފާ ހޯދިކަން ފަޅާއެރި އޮފިސަރުންގެ ތެރެއިން 3 މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފިއެވެ.
މި މައްސަލައިގައި ޖުމުލަ 18 އޮފިސަރުން އަތުލައިގެން އިރު 13 މީހަކަށް ދަޢުވާ ކުރުމަށް ވަނީ ފޮނުވައިފައެވެ.
އަދި ދަޢުވާ ކުރުމަށް ބޭނުންވާ މިންވަރަށް ބައެއް އޮފިސަރުންނާއި ދެކޮޅަށް ހެކި ނެތުމުގެ ސަބަބުން ދަޢުވާ ކުރުމަށް ފޮނުވުނީ އެންމެ 5 އޮފިސަރުންނަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކުރެއްވި ގޮތުގައި ތަޙުޤީގުގައި އިޢުތިރާފުވެ، އެއްބަސްވުން ހަދަން ބޭނުންވާ މީހުންނާ އެކު އިޢުތިރާފުގެ އެއްބަސްވުން ހެދުމަކީ ޤާނޫނީ ގޮތުން އޮތް ފުރުސަތެއް ކަމަށާއި އެހެނަސް އެ އެއްބަސްވުން ހެދިނަމަވެސް މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އެމީހުންނަށް އަދަބު ވެސް ދެވޭނެކަމަށެވެ.
މި މައްސަލައާއި ގުޅިގެން ދަޢުވާކުރި 5 މީހުންނަނީ:
-
ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް
-
ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް
-
ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް
-
ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ
-
ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤު
މި ފަސް މީހުންގެ ތެރެއިން ޖިނާހުއާއި ހިޝާމަށް ވަނީ ޖުމުލަ ތިން ދަޢުވާއެއް އުފުލައިފައެވެ. އެއީ، ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ.
ދެންތިބި ތިން މީހުންނަށް ކޮށްފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ތުޙުމަތުކުރެވެނީ ކަރެކްޝަންސްގެ ވަޒީފާގައި ތިބި މީހުންނާއި އެ ވަޒީފާއިން ވަކިވެފައި ތިބި މީހުންތަކެއްގެ މައްޗަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިޢުތިރާފުގެ އެއްބަސްވުމެއް ހެދިއިރު، މި މައްސަލައިގައި ހިމެނޭ ޖަލު އޮފިސަރުން ވަޒީފާއިން ވަކިވި ނަމަވެސް ޙައްޤު އަދަބު ދޭނެ ކަމަށާއި އެ މީހުންނާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާގައި މި މައްސަލަ އަދިވެސް އޮތީ ތަޙުޤީޤީ މަރުޙަލާގައެވެ.