ޔޫރަޕްގައި މަދަނީ ބޭނުންތަކަށް ޑްރޯން ބޭނުންކުރުމަށް އެކުލަވާލައިފައިވާ ޤަވާއިދު އަސްލަކަށް ބަލައިގެން ރާއްޖޭގެ ޑްރޯން ބޭނުންކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން އެކުލަވާލައިފައިވާ ޤަވާއިދަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
އެގޮތުން ސިވިލް އޭވިއޭޝަން ބުނެފައިވަނީ، އެ އުސޫލަކީ އެހެން ޤަވާއިދެއް އަސްލަކަށް ބަލައިގެން އެކުލަވާލި އުސޫލެއް ނަމަވެސް އޭގެ މަޤްސަދަކީ، ސަލާމަތާއި، އަމާންކަން އަދި ޒާތީ މަސްލަހަތަށް ފުށުނާރާނެ ގޮތަށް ޑްރޯން ދުއްވުމުގެ ފުރުސަތު ހުޅުވައިލުން ކަމަށެވެ. މީގެ އިތުރުން މުނިފޫހިފިލުވުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހިމާހައުލެއް ގާއިމުކުރުމަކީވެސް އެފަދަ އުސޫލެއް އެކުލަވައިލުމުގެ މަޤްސަދެއްކަމުގައި ފާހަގަކުރައްވައި ސީއޭއޭއިން ވަނީ އެ އިދާރާގެ އަމާޒަކީ، ޔޫރަޕުގެ މާހައުލުގައި ވެސް އެ ފުރުސަތުތައް ހުޅުވާލާފައިވާ މިންވަރަށް ރާއްޖޭގައި މަދަނީ ބޭނުންތަކަށް ޑްރޯން ދުއްވުމުގެ އުސޫލެއް އެކުލަވައިލުން ކަމަށެވެ.
ވުމާއެކު މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން އެކުލަވާލައިފައިވާ އުސޫލަށް ޚިޔާލު ހުށަހަޅުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 15ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
އެގޮތުން މި ޤަވާއިދާމެދު ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ފަރުދުންނަށް ވެސް ވަނީ ހުޅުވައިލައިފައެވެ.
އެގޮތުން އެ ޤަވާއިދުތަކައް އިތުރުކުރަން ނުވަތަ އޭގައި ހިމެނުމަށް ބޭނުންވާ ހަމަތައް ސަބަބުތަކާއެކު ހުށަހެޅޭނެކަމަށް ސީއޭއޭ އިން ބުނެއެވެ.
މަދަނީ މާހައުލުގައި ޑްރޯން ދުއްވުމާބެހޭ ދެ ގަވާއިދެއް ސީއޭއޭއިން އެކުލަވާލާނެއެވެ. އޭގެތެރޭގައި ހިމެނެނީ ޑްރޯންގެ ސިފަތަކާ ޝަރުތުތައް ހިމެނޭ (MCAR-UAS A) ގަވާއިދުގެ އިތުރުން ޑްރޯން އޮޕަރޭޓްކުރުމާ ބެހޭ މާއްދާތައް ހިމެނޭ (MCAR-UAS B) ގަވާއިދެވެ.
ސީއޭއޭގެ ގަވާއިދުތަކުގައި ޑްރޯން އޮޕަރޭޓުކުރުން ބެހިފައިވަނީ ތިން ކެޓަގަރީއަށެވެ. އެއީ:
- އޯޕަން ކެޓަގަރީ
- ސްޕެސިފިކް ކެޓަގަރީ
- ސެޓިފައިޑް ކެޓަގަރީ
އެ ގަވާއިދު އެކުލަވައިލާ ތަންފީޒުވާއިރު ރާއްޖޭގެ ސަރަހައްދު ޖޯގުރެފިކަލް ޒޯންތަކަކަށް ބަހާލެވޭނެއެވެ. އޭގެތެރޭގައި ޑްރޯން ދުއްވުން މުޅިން މަނާ ސަރަހައްދުތަކާއި، ޚާއްސަ ހުއްދަ ބޭނުންވާ ސަރަހައްދުތަކާއި، ހުޅުވާލެވިފައިވާ ސަރަހައްދުތައް ކަނޑައަޅާނެއެވެ. އަދި ޑްރޯން ދުއްވާ ފަރާތަތައް ރަޖިސްޓްރީކުރުމާއި ޑްރޯން ދުއްވާ ޕްއިލެޓުންގެ ފެންވަރުވެސް އެ ގަވާއިދުތަކުން ކަނޑައަޅާނެއެވެ.