ސ. ހަންކެޑެގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރާ ހޮޓާތައް މެނޭޖުކުރަން ދެ ކުންފުންޏަކާއި ހަވާލުކޮށްފައި ވާކަމަށް މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ހަންކެޑެގައި ތަރައްޤީކުރާ ހޮޓާތައް މެނޭޖުކުރުމަށް ޓައިމް ހޮޓެލްސްއާއި ކޮންޑުއިޓް ހައުސްއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ހަންކެޑެގައި ރިސޯޓެއް ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއިއެކު އެމަޝްރޫއު ހުއްޓިފައި ވަނިކޮށް އަލުން އެމަޝްރޫއު ފައްޓާފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނެވެ.
އެގޮތުން ހަންކެޑެ ތަރައްޤީ ކުރުމަށްޓަކައި ކުރީގެ ސަރުކާރުން ވަނީ ޗައިނާގެ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާއިއެކު ހުސްވި އަހަރުގެ މާޗު މަހުގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން އެމަޝްރޫއަށް 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ވެސް ވަނީ ނަގައިފައެވެ.
މިހާތަނަށް މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ނުވާއިރު، މިހާރު ދުބާއީގައި ކުރިއަށްދާ ފިއުޗާ ހޮސްޕިޓާލިޓީ ސަމިޓުގެ ތެރެއިން ހަންކެޑެގައި ތަރައްޤީ ކުރާ ހޮޓާތައް މެނޭޖުކުރަން މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ވަނީ ދެކުންފުންޏަކާއި ހަވާލުކޮށް އިއުލާންކޮށްފައެވެ.