ރާއްޖޭގައި ބޭރުގެ ފައިސާ ގަނެ ވިއްކުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފިއެވެ.
ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން އެކުލަވައިލި އާ ގަވާއިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމަށް ހުޅުވާލި، “މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު”ގެ ދަށުން ‘ޓިއާ 1’ މަނީ އެކްސްޗޭންޖިން ލައިސަންސާއި ‘ޓިއާ 2’ މަނީ އެކްސްޗޭންޖިން ލައިސަންގެ ނަމުގައި ޖުމުލަ ދެ ބާވަތެއްގެ ލައިސަންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ ލައިސަންގެ ގެ ތެރޭގައި ހިމެނޭ ޓިއާ 1 މަނީ އެކްސްޗޭންޖިން ލައިސަންސަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ލައިސަންސެވެ. އަދި ޓިއާ 2 މަނީ އެކްސްޗޭންޖިން ލައިސަންސް ހަމަ އެކަނި ބޭރު ފައިސާ ވިއްކުމުގެ ހުއްދައަށް ދޫކުރާ ލައިސަންސެކެވެ.
އެގޮތުން އެމްއެމްއޭއިން ހުއްދަ ނަގައިގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން، އެމްއެމްއޭއިން އަލަށް އެކުލަވާލި ޤަވާއިދުގެ ދަށުން ދޫކުރާ ލައިސަންސަށް ވަކި ގޮތެއް ކަނޑައަޅަންދެން އެ ވިޔަފާރި ކުރިއަށް ގެންދެވޭނެކަމުގައި އެމްއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން މަރުކަޒީ ބޭންކުން ބުނެފައިވަނީ، މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވާއިދަށް އަމަލުކުރަން ފާށަ ތާރީޚުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ޓިއާ 1 ނުވަތަ ޓިއާ 2 ލައިސަންސަށް އެދެން ޖެހޭނަކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން މިހާރު ދޫކޮށްފައިވާ ލައިސަންސް ބާޠިލްވާނެކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެގޮތުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 50 ފަރާތަށްކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ލައިސަންސަށް އެދޭ މީހުންގެ އަދަދު އެއަށްވުރެ އިތުރުނަމަ ލައިސަން ދޫކުރެވިގެންދާނީ ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރަތެއް ނަގައިގެން ކަމަށެވެ.
ޓިއާ 1 ލައިސަންސް ދޫކުރާނީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ވެރިފަރާތަކަށް ދިވެހިން ތިބޭ ކުންފުނިތަކަށެވެ. ޓިއާ 2 ލައިސަންސް ދޫކުރާނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ރިސޯޓު ހިންގަން ހުއްދަ ލިބިފައިވާ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނިތަކަށެވެ.
ޓިއާ 1 ލައިސަންސަށް ހުށަހަޅާއިރު އެޕްލިކޭޝަން ފީގެ ގޮތުގައި 20،000 ރުފިޔާ އަދި ލައިސަންސް އާކުރުމަށް އެދި ހުށަހަޅާއިރު 10،000 ރުފިޔާ ދައްކަން ޖެހޭނެކަމަށާއި ޓިއާ 2 ލައިސަންސަށް އެދި ހުށަހަޅާއިރު 1300 ޑޮލަރު އަދި ލައިސަންސް އާކުރުމަށް އެދި ހުށަހަޅާއިރު 650 ޑޮލަރު ދައްކަން ޖެހޭނެކަމަށް މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވާއިދުގައި ވަނީ ބުނެފައެވެ.