ދިވެހި ރާއްޖެއަށް ފޯޅަވަހިގެ މައްޗަށް ސާފު ޙައްޤެއް ލިބިގެންވާއިރު، އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސްއަށް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން މިއަދު ނިންމުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ މިއީ ވަރަށް ގޯސް ސިޔާސަތެއް ކަމަށެވެ.
While the Maldives has a clear claim, the UK should not give Peros Banhos Atoll (Foalhavahi in Maldives language) to Mauritius. This is deeply misguided policy.
— Mohamed Nasheed (@MohamedNasheed) October 3, 2024
އިނގިރޭސިވިލާތުން މިނިންމުން ނިންމާފައި ވަނީ މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދަނިކޮށެވެ. މިއާއިއެކު އިނގިރޭސިވިލާތާއި މޮރިޝަސް އާއި ދެމެދު މުއާހަދާއެއްގައި ސޮއިކުރެވިގެންދާނެ އެވެ. މިމުއާހަދާގެ ދަށުން އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް އޮތް ޑިއެގޯ ގާސިއާގެ ކޮންޓްރޯލް ނުގެއްލޭ ގޮތަށް ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސް އާއި ހަވާލު ކުރެވިގެންދާނެއެވެ.
އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސް އާއި ހަވާލުކޮށްފައިވާއިރު އދ. އިން ވަނީ އެގޮތަށް އަމަލުކުރުމަށް ތަކުރާރުކޮށް އެދިފައެވެ.