އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އދ ގެ ސެކެޓްރީ ޖެނަރަލް އެންޓޯނިއޯ ގުތިއަރޭޒްގެ އަރިހަށް ޒިޔާރަތްކުރައްވައި އެބޭފުޅާއާއި ބައްދަލުކުރައްވައިފިއެވެ.
އދ ގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމަށްފަހު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ މަސައްކަތްތަކުގައި އުޅުއްވި އިރު އެންޓޯނިއޯއާ ބައްދަލުކުރެއްވުމުގެ ޝަރަފް ލިބިވަޑައިގެންނެވި ކަމަށާއި އަނެއްކާވެސް އެނބުރި އދ އަށް އެނބުރި ވަޑައިގެނެނެވުމަކީ ޝަރަފެއް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ، އިންޓަނޭޝަނަލް ކޮމިއުނިޓީޒް އޯގަނައިޒޭޝަނާ (އައިސީއޯ) އާއެކު އޭނާ ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު އެންޓޯނިއޯ ގުޓަރޭޒްއާއި ހިއްސާ ކުރައްވައިފައެވެ.
ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ އިތުރުން އދ ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރިން ކުރެއްވި ޝާހިދު ވިދާޅުވީ، އަމާޒަކީ ޑިޕްލޮމަސީގެ ތެރެއިން ގެންދެވޭނެ އެންމެ މައްޗަށް ގެންގޮސްގެން ކަންކަން ކުރުން ކަމަށާއި އަދި ޚިލާފު އުފެދިފައިވާ މައްސަލަތަކަށް ހައްލު ހޯދުމާއެކު އިތުބާރު އުފެއްދުން ކަމަށެވެ.
މީގެ އިތުރުން ބައިބައިވެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އޮތް ކަންކަން ހައްލުކޮށް ސުލްހަ ގާއިމުކުރުމަކީ އެ ދެބޭފުޅުންގެވެސް ޢަޒުމެއް ކަމުގައި އަބްދުﷲ ޝާހިދުގެ ޕޯސްޓްގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.