-Advertisement-

-Advertisement-

ނުރައްކާތެރިކޮށް ލޯންޗް ދުއްވި މައްސަލަ ފުލުހުން ބަލަނީ

ނުރައްކާތެރިކޮށް ލޯންޗް ދުއްވި މައްސަލަ ފުލުހުން ތަޙުޤީގު ކުރަން ފަށައިފިއެވެ.

މީސް މީޑިޔާގައި އިއްޔެ އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ތިން ލޯންޗެއް ވާދަޖަހާފަދަ ގޮތަކަށް ގޮސް އެކުއެކީގައި ރަށެއްގެ ނެރުން ވަންނަން ދިޔަ އިރު “ރިލެކްސް ގޯލްޑް” ލޯންޗް ނެރުން ވަދެވަދެ ހުއްޓައި “ނަސްރު ސްޕީޑް” ލޯންޗް އިތުރަށް ސްޕީޑް ބާރުކޮށް ފުރަތަމަ ބަނދަރަށް ވަންނައިރު، ދެ ލޯންޗް ވެސް އެއްވެސް ވަރަކަށް ސްޕީޑް މަޑުނުކުރެއެވެ. ދެ ލޯންޗް ވެސް ސްޕީޑް މަޑުކޮށްލަނީ ބަނދަރުތެރެއަށް ވަނުމަށް ފަހުއެވެ. އަދި އެ ދެ ލޯންޗްގެ ފަހަތުން ހަމަ އެކުއެކީގައި ކަހަލަ ގޮތަކަށް “ރަމްޒު ކްއީން” ނަމަކަށް ކިޔާ ލޯންޗެއް ވެސް ބާރު ސްޕީޑުގައި އައިސް ބަނދަރު ތެރެއަށް ވަންނަ ތަން އެ ވީޑިއޯގައި ފެނެއެވެ.

މި ކަމާއި ގުޅިގެން ފުލުހުން ހާމަކޮށްފައި ވާގޮތުގައި ނުރައްކާތެރި ދުވެލީގައި ލޯންޗްތަކެއް ދުއްވި ވީޑިއޯތަކެއް މީސް މީޑީޔާގައި ޢާންމުވުމާއި ގުޅިގެން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރި ނަމަވެސް މައްސަލަ ފުލުހުން އިތުރަށް ތަހުޤީގުކުރަމުން އަންނަކަމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި މި ލޯންޗްތަކަކީ 2024 އޯގަސްޓް 13 ވަނަ ދުވަހު އއ އަތޮޅަށް ދަތުރުކުރި ލޯންޗްތަކެއްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު މި ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަބަޔަކު ވަނީ ހިތްހަމަ ނުޖެހުންފާޅުކޮށްފައެވެ. އެ ލޯންޗްތައް ދުއްވަން ތިބި ކެޕްޓަނުންނަށް ފިޔަވަޅު އަޅަން ވެސް ބައެއް މީހުން ވަނީ ގޮވާލާފައެވެ. އަދި ނުރައްކާތެރި ހާދިސާއެއް ހިނގައި ފުރާނަތަކެއް ގެއްލުމުގެ ކުރިން ފިޔަވަޅު އެޅުމަށް ގިނަބަޔަކު ވަނީ ގޮވާލައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-