ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސަށް ކޮވިޑް ތެރޭގައި ލިބުނު ފައިސާއިން އެސޯއިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަމިން އެވެނިއުއިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާއި ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިފައިވާ ގޮތަށް އެ މުއްދަތު އިތުރުކޮށްދީފިއެވެ.
މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ފުލުހުންނާއި ހަވާލު ކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައި ވަނިކޮށް އެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދި މިއަދު ހެނދުނު ބައްސާމުގެ ވަކީލުންގެ ސިޓީއެއް ފުލުހަށް ލިބިފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ކަމާއި ގުޅިގެން ފުލުހުން ހާމަކުރި ގޮތުގައި ހާލަތަށް ރިއާޔަތްކޮށް، ސިޓިގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދީފައިވާކަން ބައްސާމަށް އަންގާފައިވާ ކަމަށެވެ.
ކޮވިޑްގެ ހާލަތުގައި ފީފާ މެދުވެރިކޮށް އެފްއޭއެމުން ނެގި ލޯނުގެ ފައިސާއިން އޭރުގެ އެފްއޭއެމްގެ ރައީސް ބައްސާމް، އަމިން އެވެނިއުއިން ދެ އެޕާޓްމެންޓް ގަނެފައިވާކަން ފުލުންގެ ތަހުގީގައް ހާމަވެފައިވުމުން މި މައްސަލައިގައި އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.
މި މައްސަލައިގައި މިހާރު ދައުވާ ކުރަން ފޮނުވާފައިވާނީ ބައްސާމުގެ ނަމުގައި އަމިން އެވެނިއު އޭ 1205 އަދި އޭ 1206 ދެ އެޕާޓްމެންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްފައިވާ މައްސަލައެވެ .