އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ށ. ކަފަކޮމަންޑޫ ތަރައްޤީކުރަން ނިންމައިފިއެވެ.
ހެނބަދޫ ކައުންސިލުގެ އިޙްތިޞާސުގެ ތެރޭގައި ހިމެނޭ ކަފަކޮމަންޑޫ އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ދިގު މުއްދަތަކަށް އެ ރަށް ކުއްޔަށް ދިނުމަށްޓަކައި އެކައުންސިލުން ވަނީ ނިންމާފައެވެ.
ރަށުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފައިވާއިރު، ބީލަމަށް ހުށަހަޅަން ޖެހޭނީ މިމަހުގެ 17 ގައި ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
މީގެއިތުރުން އެކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 10 އާ ހަމައަށް މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި އެކައުންސިލުގައި ބޭއްވުމަށް ވެސް ހަމަޖެހިފައެވެ.
ހެނބަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކޮމަންޑޫ އިންޓަގަރޭޓް ޓޫރިޒަމަށް ތަރައްޤީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި އިރު، މިހާރު ވެސް ބޭރުގެ ބައެއް ފަރާތްތަކުން ވަނީ މިމަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މަދުވެގެން 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ މިރަށުން ލިބޭ އާމްދަނީއާއެކު ކައުންސިލުން ދައުލަތުން ދޭ ގްރާންޓާއި އެއްވަރުގެ އަދަދެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވެސް ހެނބަދޫ ކައުންސިލުން ބުނެފައިވެއެވެ.
އެކައުންސިލުން ބުނެފައިވާ ގޮތުގައި މިކަމުން ލިބޭ އާމްދަނީ ބޭނުން ކުރާނީ ރަށުގެ ތަރައްޤީގެ އެކި ކަންކަމަށެވެ.