-Advertisement-

-Advertisement-

ޝާދިޔާ ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ބަދަލު ހޯދުމަށް ހައިކޯޓަށް!

ފޮޓޯ: ރަސް އޮންލައިން

އެމްބަސީތަކުގެ ކައިރީގައި އިޒްރޭލާއި ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް ހައްޔަރުކުރި ޑރ. އަޙުމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ބަންދުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ބަދަލު ނަގައިދިނުމަށް އެދިއްޖެއެވެ.

މިމައްސަލައިގައި ޝާދިޔާ ފަސް ދުވަހަށް ބަންދުކުރުމަށް ކުރި އަމުރުގެ ކުރިން ތިން ދުވަހަށް ބަންދު ކުރުމުގެ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައިވާއިރު، ޝާދިޔާގެ ފަރާތުން ވަނީ މިދެއަމުރުވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެގޮތުން ޤާނޫނުއަސާސީ އާއި ހަވާލާދީ، ޤާނޫނާ ޚިލާފަށް މީހަކު ބަންދުގައި ގެންގުޅެފިނަމަ، އެ ކަމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައިވާތީވެ، އޭނާގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ، އޭނާ ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ކަމުގެ ބަދަލު ދިނުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެގޮތުން ޝާދިޔާ ބަންދުކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ، ކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައިވަނީ އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ތުހުމަތު ކުރެވޭ ކުށަށް ބާރުދޭ އެއްވެސް ހެއްކެއް ނެތިކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤަވާއިދާ ޚިލާފަށް ކަމަށާއި އޭނާ ބަންދުކޮށްގެން ގެންގުޅެފައިވަނީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންކަމަށް ވެސް ޝާދިޔާގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މިދައުވާގެ ދިފާއުގައި ދައުލަތުން ބުނެފައި ވަނީ ޝާދިޔާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށާއި، ޤާނޫނު ނޭނގުމަކީ ކުށަކަށް އަރައިގަންނަން އޮންނަ ހުއްޖަތެއް ނޫންކަމަށާއި ކާނިވާ ސަރަހައްދުގައި ނޫނީ އެއްވުންތައް ނުބޭއްވޭނެ ކަމަށް ހޯމް މިނިސްޓްރީން އަންގައި އިއުލާންކޮށްފައި އޮންނަ އޮތުމުން ޝާދިޔާ ހައްޔަރުކޮށްފައި ވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އެހެންނަމަވެސް މިމައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީންކަން ދައުލަތަށް އިއްޔެގެ އަޑުއެހުމުގައި ސާބިތުކޮށްދެވިފައެއް ނުވެއެވެ.

އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވީ މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތިއްޖެނަމަ، ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލިސްކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-