ރާއްޖޭގެ އިޤްތިޞާދު ރިފޯމް ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިޔާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިޤްތިޞާދު ރިފޯމް ކުރުމުގެ ވައުދާއެކު ކަމަށާއި އެކަމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
“އަޅުގަނޑު މިއަދު މި ތަނުގައި ހުރެ ތިޔަ ހުރިހާ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވައި މި ދައުވަތު އަރުވަނީ ރާއްޖޭގައި ހުރި އިޤާތިޞާދީ ފުރުސުތައް ހޯދައި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް،” ރައީސް
އިންޑިއާއަކީ ޑިޖިޓަލް އިކޮނޮމީގައި އެންމެ ކުރީގައި އުޅޭ ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖެ މިހާރު މިސްރާބު ޖަހާފައި ވަނީ ޑިޖިޓަލް އިކޮނޮމީއެއް ޤާއިމް ކުރުމަށް ކަމަށް ވާއިރު، އިންޑިއާއަކީ އެ މަސައްކަތުގައި މުހިންމު ބައިވެރިއަކަށް ވެ، އިސް ދައުރެއް އަދާކޮށްދިނުމަށް އެދިފައެވެ.
މީގެއިތުރުން ރައީސް ވަނީ މި ޒަމާނަށް ފެތޭ ގޮތަށް ޑިޓަލް ނިޒާމެއްގެ ތެރެއިން ފައިސާގެ މުއާމަލާތު ކުރާނެ ގޮތްތަކެއް ހޯދުމަށް އިންޑިއާގެ ތަޖުރިބާ އާއި އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ހަމައެއާއިއެކު ރާއްޖޭގެ ޓޫރިޒަމަށް އަލިއަޅުވާލާ އެމަނިކުފާނު ވަނީ ޓޫރިޒަމް ކުރިއަރުވުމަށް ވެސް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި އަމަލުކުރާ ފޮރިން އިންވެސްޓްމަންޓުގެ އާ ޤާނޫނުގެ ދަށުން އިންވެސްޓަރުންނަށް ރައްކާތެރިކަމާއި ޔަގީންކަން ލިބިދޭނެ ކަމަށާއި، ޚާއްސަކޮށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އޮތް ޔަޤީންކަމާއި އިތުބާރު އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވި ބިޒްނަސް ފޯރަމްގައި އިންޑިއާގެ ވިޔަފާރިވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާފައެވެ.